ވައިގަދަވާނެކަމަށް ލަފާކޮށް ބޮޑު ސަރަހައްދަކަށް ރީނދޫ ސަމާލު ނެރެފި އެވެ.
މޫސުމާއި ބެހޭ ގައުމީ އިދާރާއިން ރީނދޫ އެލާޓް ނެރުނީ، ހއ އަތޮޅުން ފެށިގެން ނ އަތޮޅާ ހަމަޔަށް ވައިޓް އެލާޓް ނެރުނީ މިރޭ 09:30 ގައެވެ. މެންދަމު 01:30 އަށް އެލާޓް ނެރެފައިވަނީ ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި، ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށްނެވެ.
ރާއްޖޭގެ އެހެން އަތޮޅުތަކަށް މިވަގުތު އޮތީ ހުދު ސަމާލު ނެރެފައެވެ. މިރޭ 07:30 އިން މެންދަމު 01:30 އަށް އެއަތޮޅުތަކަށް ހުދު ސަމާލު ނެރެފައިވަނީ ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށްނެވެ.
މެޓް އޮފީހުން ލަފާކޮށްފައިވާގޮތުގައި، ރާއްޖޭގެ ބޮޑުބަޔަކަށް މިރޭ ވިއްސާރަކުރާނެއެވެ. އަދި، ބައެއް ރަށްތަކަށް ބޯކޮށް ވާރާވެހުމާއެކު ގުގުރުން އެކަށީގެންވާކަމަށް އެއިދާރާއިން ބުނެފައި ވެއެވެ.
މިރޭ ހުރިހައި ސަރަހައްދަކަށްވެސް ކަނޑު ގަދަވާނެކަމަށް ލަފާކޮށްފައިވާއިރު، ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުން އެކަށީގެންވާކަމަށް މެޓް އޮފީހުން ބުންޏެވެ. ރާޅު ނަގާނެކަމަށް ލަފާކޮށްފައިވަނީ، 5-8 ފޫޓު އުސްމިނުގަ އެވެ.
ރާއްޖޭގެ ހުރިހައި ސަރަހައްދަކަށް މޫސުމީ ސަމާލު ނެރެފައިވާއިރު، މެޓް އޮފީހުންވަނީ ހުރިހާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެދިފަ އެވެ.