މި އަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަ ކުރުމަށް ބާއްވާ ޙަފްލާގައި ދޭ އެވޯޑުތަކަށް ނަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި އެވެ.
ފިޝަރީޒް މިނިސްޓްރީން މިއަދު އާންމުކުރި އިއުލާނެއްގައި ބުނެފައިވަނީ މިއަހަރުގެ މަސްވެރިންގެ ދުވަހުގެ މުނާޞަބަތުގައި ހޮވާ ތިން އެވޯޑަކަށް ނަން ހުށަހެޅުމުގެ ފުރުސަތު މިއަދުން ފެށިގެން، 7 ނޮވެމްބަރު 2024 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ނިޔަލަށް ހުޅުވާލާފައިވާކަމަށެވެ. މިނިސްޓްރީން ބުނީ، މި އެވޯޑުތަކަށް އެދި އަމިއްލަ ހައިސިއްޔަތުން ނުވަތަ އެހެން ފަރާތަކުންވެސް ނަން ހުށަހެޅުމުގެ ފުރުޞަތު އޮންނާނެކަމަށެވެ.
މިނިސްޓްރީން ކުރިމަތިލުމަށް ހުޅުވާލާފައިވަނީ، މިހާރުވެސް މަސްވެރިކަމުގައި ޢަމަލީގޮތުން އުޅޭ، އަދި މަސްވެރިކަން ފިޔަވައި، އާމްދަނީ ހޯދުމަށް އެހެން މަސައްކަތެއް ނުކުރާ އެންމެ ޚިދުމަތްތެރި ޒުވާން ކެޔޮޅު (35 އަހަރުން ދަށް)، މިހާރުވެސް މަސްވެރިކަމުގައި ޢަމަލީގޮތުން އުޅޭ، އަދި މަސްވެރިކަން ފިޔަވައި، އާމްދަނީ ހޯދުމަށް އެހެން މަސައްކަތެއް ނުކުރާ އެންމެ ތަޖުރިބާކާރު ކެޔޮޅު (35 އަހަރުން މަތި) އަދި، އާމްދަނީ ހޯދުމަށްކުރާ މައިގަނޑު މަސައްކަތަކަށް ފަރުމަހުގެ މަސްވެރިކަން ކުރާ ޚިދުމަތްތެރި ފަރުމަސްވެރިޔާގެ އެވޯޑަށެވެ.
މި އެވޯޑްތަކަށް ކުރިމަތިލުމަށް ބޭނުންވާ، ޝަރުތުތައް ފުރިހަމަވާ ފަރާތްތަކުން އެކަމަށް ކަނޑައަޅާފައިވާ ފޯމް ފުރިހަމަ ކުރުމަށްފަހު ދީފައިވާ ސުންގަޑީގެ ކުރިން މިނިސްޓްރީގެ އީމެއިލް އެޑްރެސް fisheriesmanagement@fisheries.gov.mv އަށް ފޮނުއްވުމަށް މިނިސްޓްރީން އެދިފައި ވެއެވެ. އެވޯޑުތަކަށް އެދި ހުށަހެޅުމަށް ތައްޔާރުކޮށްފައިވާ ދެ ފޯމު މިނިސްޓްރީގެ ވެބްސައިޓް www.fisheries.gov.mv އިން ޑައުންލޯޑު ކުރެވެން އެބަހުއްޓެވެ.
މިއަހަރުގެ މަސްވެރިންގެ ދުވަހުގެ ރަސްމީ އިހުތިފާލުތައް ބ. ތުޅާދޫގައި ބާއްވަން ކުރިން ނިންމި ނަމަވެސް، މިހާރު މާލެ ސިޓީގައި މަސްވެރިންދުވަހުގެ ރަސްމީ ހަރަކާތްތައް ބާއްވާގޮތަށް ސަރުކާރުން ވަނީ ހަމަޖައްސާފަ އެވެ. އެއީ ސަރުކާރުގެ ޚަރަދު ކުޑަކުރުމުގެ ސިޔާސަތު ތަންފީޒްކުރުމުގެ ކުރުމުގެ ގޮތުން ނިންމި ނިންމުމެއްކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.
1989 އިން ފެށިގެން، ރާއްޖޭގައި ކޮންމެ އަހަރެއްގެ ވެސް ޑިސެމްބަރު 10 ވަނަ ދުވަސް ފާހަގަކުރަމުން އައިސްފައިވަނީ، މަސްވެރިންގެ ދުވަހުގެ ގޮތުގައެވެ. އެގޮތުން، މިއަހަރު ފާހަގަކުރަނީ 44 ވަނަ މަސްވެރިންގެ ދުވަހެވެ.