back to top
30 C
Malé
- އިސްތިހާރު -spot_imgspot_img

މަގްބޫލް ލިޔުންތައް

ވިއެޓްނާމުގެ މަސްވެރިކަމުގެ އެކްސްޕޯޓް އާމްދަނީ 7 ބިލިއަން ޑޮލަރަށް އަރައިފި

ވިއެޓްނާމްގެ މަސްވެރިކަމުގެ އެކްސްޕޯޓްއިން މިއަހަރުގެ ފުރަތަމަ ނުވަ މަސް ދުވަހު ހަތް ބިލިއަން ޑޮލަރަށްވުރެ މަތިން އާމްދަނީ ހޯދައިފި އެވެ.

ވިއެޓްނާމް އެސޯސިއޭޝަން އޮފް ސީފުޑް އެކްސްޕޯޓާސް އެންޑް ޕްރޮޑިއުސާސް(ވީއޭއެސްއީޕީ) އިން އާންމުކޮށްފައިވާ ޑޭޓާތަކަށް ބަލާއިރު، މިއަހަރުގެ ސެޕްޓެމްބަރު މަހު މަސްވެރިކަމުގެ އެކްސްޕޯޓުން ހޯދި 866 މިލިއަން ޑޮލަރުގެ އާމްދަނީއާއެކު، މިއަހަރުގެ ފުރަތަމަ ނުވަމަހުގެ މަސްވެރިކަމުގެ އެކްސްޕޯޓްއިން ލިބުނު އާމްދަނީގެ އަދަދު ވަނީ 7.16 ބިލިއަން އެމެރިކާ ޑޮލަރަށް އަރާފަ އެވެ. މިއީ، 2023 ވަނަ އަހަރާ އަޅާ ބަލާއިރު %8.5 ގެ ކުރިއެރުމެކެވެ.

ކޮވިޑް-19 އާލަމީ ވަބާއާއި، އިންފްލޭޝަންގެ ސަބަބުން އަހަރުތަކެއް ވަންދެން މަސްވެރިކަމުގެ އެކްސްޕޯޓަށް ބުރޫއެރުމަށްފަހު، ދުނިޔޭގެ ބާޒާރުތައް ހަމައަކަށް އެޅެމުންދާއިރު، ވިއެޓްނާމްގެ މަސްވެރިކަމުގެ އެކްސްޕޯޓް ރަނގަޅުވެ، ޚާއްޞަކޮށް އަހަރުގެ ދެވަނަ ކުއާޓަރުގައި ވިއެޓްނާމްގެ މަސްވެރިކަމުގެ އެކްސްޕޯޓްވަނީ ވަރުގަދަވެފަ އެވެ. ނިމިގެން ދިޔަ މާލީ ތިންވަނަ ކުއާޓަރުގައި އެކަނިވެސް ވިއެޓްނާމްގެ މަސްވެރިކަމުގެ އެކްސްޕޯޓް 2.76 ބިލިއަނަށް އެރިއެވެ. މިއީ، މިދިޔަ އަހަރުގެ ތިންވަނަ ކުއާޓަރާ އަޅާކިޔާއިރު،%13 ގެ ކުރި އެރުމެކެވެ.

މިއަހަރު، ވިއެޓްނާމަށް އެންމެ ގިނަ ބޭރުގެ ފައިސާ ވެއްދި ބާވަތަކަށް ވެފައިވަނީ ޑިނގާއެވެ. މިދިޔަ ނުވަ މަސްތެރޭގައި އެގައުމުން 2.8 ބިލިއަން ޑޮލަރުގެ ޑިނގާ އެކްސްޕޯޓްކުރިއެވެ. މިއީވެސް އޭގެކުރީ އަހަރާ އަޅާކިޔާއިރު %10.5 ގެ ކުރިއެރުމެކެވެ.
ވީއޭއެސްއީޕީގެ ޑޭޓާއަށް ބަލާއިރު، އެގައުމުން ތިންވަނަ ކުއާޓަރުގައި ކަކުނި އެކްސްޕޯޓްކުރި މިންވަރުވެސް ވަނީ ބޮޑު ތަނުން މައްޗަށް އަރާފަ އެވެ. ތިން ވަނަ ކުއާޓަރުގައި ކަކުނި އެކްސްޕޯޓްކުރި މިންވަރު %56 މައްޗަށް އަރާފައިވާއިރު، ނުވަމަސް ދުވަސް ތެރޭގައި ކަކުނީގެ އެކްސްޕޯޓްވަނީ %66 މައްޗަށް އަރާފަ އެވެ. ކަކުނި އެކްސްޕޯޓްކުރި މިންވަރު އެހާ ބޮޑުތަނުން އިތުރުވެފައިވަނީ ޗައިނާއިން ކަކުންޏަށް އޮތް ޑިމާންޑް ބޮޑުކަމުންނެވެ.
ވީއޭއެސްއީޕީއިން އަންދާޒާކުރާގޮތުގައި ވިއެޓްނާމްގެ މަސްވެރިކަމުގެ އެކްސްޕޯޓް މިއަހަރު 9.5 ބިލިއަން ޑޮލަރަށް އަރާނެއެވެ. އެއީ،2023 އަހަރާ އަޅާކިޔާއިރު %7 ގެ ކުރިއެރުމަަކަށް ވެގެންދާނެއެވެ.

މިލިޔުމާއި ގުޅޭ