ސަރުކާރުގެ މަސް ކުންފުނި، މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ(މިފްކޯ) އަށް ޗީފް އެގްޒެކެޓިވް އޮފިސަރަކު ހޯދުމަށް، ޕްރައިވެޓައިޒޭޝަން އެންޑް ކޯޕޮރޮޓައިޒޭޝަން ބޯޑް(ޕީސީބީ)އިންކުރި އިއުލާނުގެ މުއްދަތު މާދަމައަށް ހަމަވާނެއެވެ.
މިފްކޯގެ ސީއީއޯކަމުގެ މަގާމަށް ކުރިމަތިލެއްވުމަށް ޝައުގުވެރިވާ ފަރާތްތަކަށް، އެކްސްޕްރެޝަންސް އޮފް އިންޓަރެސްޓް (އީއޯއައި) ހުށަހެޅުމުގެ ފުރުސަތު ޕީސީބީން ހުޅުވާލީ މިދިޔަ ސެޕްޓެމްބަރުމަހުގެ 29 ވަނަ ދުވަހު އެވެ.
ޕީސީބީން އެކަމާގުޅިގެން ކުރި އިއުލާނުގައި ބުނެފައިވަނީ، ސީއީއޯގެ މަގާމަށް ޝައުގުވެރިވާ ފަރާތްތަކުން، އެފަރާތެއްގެ ކަވަރ ލެޓަރ، ޚިދުމަތްތައް އަދާކުރުމުގެ ޤާބިލުކަން ދައްކުވައިދޭ މަޢުލޫމާތު ހިމެނޭ ސީވީ (އެއްގޮތް އެސައިމެންޓްތަކުގެ ބަޔާން، އެއްގޮތް ޙާލަތްތަކުގައި ތަޖުރިބާ، އެކަށީގެންވާ ހުނަރުތައް ލިބިފައިވުން ފަދަ)،އެކަޑަމިކް ސެޓްފިކެޓްތަކާއި، ކަމާގުޅޭ ރިފަރެންސް ލެޓާއާއެކު 8 އޮކްޓޯބަރ 2024 ގެ 1400 ގެ ކުރިން އެކަމަށް ކަނޑައަޅާފައިވާ މެއިލްއަށް ފޮނުވައިދިނުމަށް އެދޭކަމަށެވެ.
މެއިލް: info@pcb.gov.mv ; ahmed.yameen@finance.gov.,mv
ސީއީއޯގެ މަގާމަށް މީހަކު ހޮވުމުގައި ތައުލީމާއި ތަޖުރިބާއަށް ބަލާނެ ކަމަށާއި، އެމަގާމަށް ހޮވޭ ފަރާތަކަށް މުސާރައިގެ ގޮތުގައި 12،000 އާއި 15،000 ޑޮލަރާއި ދެމެދު މުސާރައެއްގެ އިތުރުން އަހަރީ ބޯނަސްދޭނެކަމަށް ޕީސީބީގެ އިއުލާނުގައި ވެއެވެ. އަދި، އެ މަގާމަށް ހޮވޭ ފަރާތަކާއެކު އެއްބަސްވުން ހަދާނީ ހަތަރު އަހަރުގެ މުއްދަތަކަށްކަމަށްވެސް ބުނެފައި ވެއެވެ.
މިފްކޯގެ ސީއީއޯގެ މަގާމު ހުސްވެފައިވަނީ، އެމަގާމުގައި ހުންނެވި އަހްމަދު ސަމާހު ރަޝީދު އެ މަގާމުންނާއި ކުންފުނީގެ ބޯޑު ޑިރެކްޓަރު ކަމުން މިއަހަރުގެ މެއި މަހުގެ 21 ވަނަ ދުވަހު ވަކިކުރުމާއި ގުޅިގެންނެވެ. ސީއީއޯއަކު ނެތި މިފްކޯ ހިންގާތާ ހަތަރު މަސްވެއްޖެ އެވެ. މިފްކޯ މިހާރު ވަގުތީ ގޮތުން ހިންގަމުން އަންނަކީ، އެ ކުންފުނީގެ ޗީފް ފައިނޭންޝިއަލް އޮފިސަރުގެ މަގާމުގައި ހުންނެވި އިލްޔާސް ހަނީފެވެ.