ދެކުނުގެ އަތޮޅުތަކަށް މޫސުން ގޯސްވެ މޫސުމާ ބެހޭ ގައުމީ އިދާރާއިން އެއަތޮޅުތަަކަށް ނެރުނު ރީނދޫ ސަމާލު ދަންމާލައިފި އެވެ.
ލ އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ހަމަޔަށް ރޭ 00:30 ގައި ފުރަތަމަ ނެރުނީ ހުދު ސަމާލެކެވެ. ބޯކޮށް ވާރޭވެހި ގުގުރާނެކަމަށް ލަފާކޮށް އޭރު ސަމާލު ނެރުނީ ހެނދުނު 06:00 ޖެހުމާ ހަމަޔަށެވެ. ނަމަވެސް އެ ސަމާލުގެ ވަގުތު ހަމަ ނުވަނީސް، އެންމެ ދެކުނުގެ ހަތަރު އަތޮޅަށް ރީނދޫ ސަމާލު ނެރުނެވެ. ގއ އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ހަމަޔަށް، ފަތިހު 05:30 ގައި ނެރުނު މި ސަމާލުގައި ބުނެފައިވަނީ، ބޯކޮށް ވާރޭ ވެހުމުގެ އިތުރުން ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެކަމަށް ލަފާކުރެވޭނެކަމަށެވެ.
ހެނދުނު 08:30 ހަމަޔަށް ނެރުނު އެ ރީނދޫ ސަމާލު މިހާރު ވަނީ މެންދުރު 12:30 އާ ހަމަޔަށް ދަންމާލާފަ އެވެ.
ކުރިޔަށް އޮތް 24 ގަޑީއިރަށް މޫސުން ލާފާކޮށް މެޓް އޮފީހުން ބުނެފައިވަނީ، ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކުރުމާއެކު ގުގުރާނެކަމަށާއި، މެންދުރުފަހުން ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާކަމަށެވެ. ވައިޖެހޭނެކަމަށް ؛ލަފާކޮށްފައިވަނީ،، ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 8 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައެވެ. އަދި، ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވުން އެކަށީގެންވާކަމަަށް ލަފާކޮށްފައި ވެއެވެ.
ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެކަމަށް ލަފާކޮށްފައިވާއިރު، ރާޅު ނަގާނެކަމަށް ލަފާކޮށްފައިވަނީ، 3-6 ފޫޓު އުސްމިނުގަ އެވެ.
މޫސުމާ ބެހޭ އިދާރާއިން ބުނީ، ހުރިހާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެދޭކަމަށެވެ.