މެރިން ހެޗަރީ ސްކިލްސް ޑިވެލޮޕްމަންޓް ޕްރޮގްރާމްގެ ދަށުން ހިންގަން ހަމަޖެހިފައިވާ ދެވަނަ ތަމްރީންގައި ބައިވެރިވުމުގެ ފުރުސަތު ފިޝަރީޒް މިނިސްޓްރީން ހުޅުވާލައިފި އެވެ.
ފިޝަރީޒް މިނިސްޓްރީން މިކަމާ ގުޅޭގޮތުން އާންމުކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ، މި ތަމްރީން ކުރިޔަށް ގެންދާނީ، އޮކްޓޯބަރު މަހުގެ 30އިން ނޮވެންބަރު މަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށްކަމަށެވެ. އަދި، މި ފަހަރުގެ ތަމްރީން ކުރިޔަށްގެންދަން ނިންމާފައިވަނީ 15 ބައިވެރިންނާ އެކުގައި ކަމަށާއި، މި ހުޅުވާލާ ފުރުސަތުގައި އެއަށްވުރެ ގިނަ ފަރާތްތަކުން ކުރިމަތިލާފައިވާނަމަ، ތަމްރީނުގެ ބައިވެރިން ހޮވާނީ ފޯމު ހުށަހަޅާ ތަރުތީބުން ކަމަށެވެ.
14 ދުވަހުގެ މުއްދަތަށް ހިންގާ މި ތަމްރީނުގައި ބައިވެރިވުމުގެ ފުރުސަތު މިނިސްޓްރީން ހުޅުވާލީ ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަހު އެވެ. މި ތަމްރީނުގައި ބައިވެރިވެލެއްވުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 15 އޮކްޓޯބަރ 2024 ވަނަ ދުވަހުގެ 14:00 ގެކުރިން އެކަމަށް ކަނޑައަޅާފައިވާ ފޯމު ފުރިހަމަކުރުމަށްފަހު، އައިޑީކާޑުގެ ކޮޕީއާއެކު info@mmri.gov.mv އަށް ހުށަހެޅުމަށް މިިސްޓްރީން އެދިފައި ވެއެވެ.
އިއުލާނުގައިވާގޮތުންނަމަ، ތަމްރީން ހިންގާ މުއްދަތުގައި ބައިވެރިން ބައިތިއްބަނީ، ކ. މަނިޔަފުށީގައެވެ. އަދި، ތަމްރީންގެ ބޭނުމަށް މާލެއާއި މަނިޔަފުއްޓާ ދެމެދު ކުރާ ދަތުރުތަކާއި ބައިވެރިންގެ ހުރުމާއި ކެއުމުގެ އިންތިޒާމު ހަމަޖައްސަނީ، މޯލްޑިވްސް މެރިން ރިސާރޗް އިންސްޓިޓިއުޓުންނެވެ. ތަމްރީނާ ގުޅޭ އިތުރު މަޢުލޫމާތު އެ އިންސްޓިޓިއުޓްގެ ނަންބަރު 3322242 ފޯނަށް ގުޅާލުމުން ލިބޭނެއެވެ.
މެރިން ހެޗަރީ ސްކިލްސް ޑިވެލޮޕްމަންޓް ޕްރޮގްރާމަކީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ”ހަފުތާ 14“ ގެ މަގުޗާޓުގައި ހިމަނައިގެން، މެރިކަލްޗަރ ތަރައްޤީކޮށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ފަރާތްތަކަށް، ރަށްރަށާއި ކައިރިން އާމްދަނީއާއި ވަޒީފާގެ އިތުރު ފުރުޞަތުތައް ފަހިކޮށް، ރާއްޖޭގައި ކުރެވޭ އިޤްތިޞާދީ މަސައްކަތްތައް އިތުރަށް ފުޅާކޮށް ސިންދަފާތުކުރުމުގެ މަގުސަދުގައި، މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް އާއި މޯލްޑިވްސް މެރިން ރިސާރޗް އިންސްޓިޓިއުޓް ގުޅިގެން ކުރިޔަށްގެންދާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގެ ދަށުން، ފަރުމަސް އާލާކުރުމަށް ބޭނުންވާ ހެޗަރީތައް ޤާއިމުކުރާނެ ގޮތާއި އެކުއަކަލްޗަރގެ ހުނަރުތައް ޒުވާނުންނަށް ދަސްކޮށްދިނުމުގެ ފުރަތަމަ ތަމްރީން ޕްރޮގްރާމް ކުރިޔަށްގެންދިޔައީ މިދިޔަ ފެބްރުއަރީ މަހުގެ 8 އިން 21 ވަނަ ދުވަހުގެ ނިޔަލަށެވެ. އެ ތަމްރީނު ޕްރޮގްރާމްގައި ރާއްޖޭގެ އެކި ސަރަހައްދުތަކުން 15 މީހުން ބައިވެރިވެއެވެ.
ދިވެހިރާއްޖޭގައި މެރިކަލްޗަރ ސިނާއަތެއް ޤާއިމުކޮށް ތަރައްޤީ ކުރުމުގެ ގޮތުން ފިޝަރީޒް މިނިސްޓްރީން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އޭގެ ތެރޭގައި، މެރިކަލްޗަރކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މޫދު ކޮށްޓާއި ދިރޭ ކުދި ފާނަ ވިއްކުމުގެ ޕްރޮގްރާމް ހިމެނެއެވެ. މޫދު ކޮށްޓާއި ދިރޭ ކުދި ފާނަ އަމިއްލަ ފަރާތްތަކަށް ލިބޭނޭ އިންތިޒާމު ހަމަޖައްސައިދެނީ ފާނަ ބޮޑުކޮށްގެން މެރިކަލްޗރގެ ވިޔަފާރި ކުރުމަށް މަގު ފަހިކޮށްދިނުމުގެ ގޮތުންނެވެ.
މީގެ އިތުރުން، މެރކަލްޗަރ ވަކި ސިނާއަތެއްގެ ގޮތުގައި ކަނޑައެޅުމަށް ކުރެވޭ މަސައްކަތުގެ ދަށުން، މެރިކަލްޗަރ އަށް ވަކި ޚާއްސަ ސަރަހައްދުތަކެއް ކަނޑައެޅުމުގެ މަސައްކަތް މިނިސްޓްރީން ދަނީ ކުރަމުންނެވެ. އެގޮތުން، ކަމާގުޅުންހުރި ފަރާތްތަކާއެކު މަސައްކަތްކޮށް، އެކުއާކަލްޗާ ކުރެވޭނެ ހަތަރު ސަރަހައްދެއް ހޯދައި، އެކަމާ ގުޅޭގޮތުން ވަޒީރުންގެ މަޖިލީހުގެ ލަފަޔަކަށްވަނީ އެދިފައެވެ.