މިއަދު ހެނދުނު މޫސުމާ ބެހޭ ގައުމީ އިދާރާއިން މާލެ ސަރަހައްދު ހިމެނޭހެން 10 އަތޮޅަކަށް ނެރުނު ހުދު ސަމާލު، މިރޭ 09:30 އާ ހަމަޔަަށް ދަންމާލައިފި އެވެ.
ބޯކޮށް ވާރޭވެހި ގުގުރާނެކަމަށް ލަފާކޮށް، ހއ އަތޮޅުން ފެށިގެން އދ އަތޮޅާ ހަމަޔަށް، ހުދު ސަމާލު ނެރުނީ ހެނދުނު 09:00 އިން ހަވީރު 03:00 އަށެވެ. އެ ސަލާމުގެ ވަގުތު ހަމަވުމާއެކު މިހާރު ވަނީ މިރޭ 09:30 އާ ހަމަޔަށް އެ އަތޮޅުތަކަށް ހުދު ސަމާލު ދަންމާލާފަ އެވެ.
މޫސުމާބެހޭ ގައުމީ އިދާރާއިން ބުނީ، މިއަދު ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކުރާނެކަމަށާއި، ބައެއް ރަށްތަކަށް ވާރޭވެހި ގުގުރުން އެކަށިގެންވާކަމަށެވެ. ވައިޖެހޭނެކަމަށް ލަފާކޮށްފައިވަނީ، ހުޅަނގާއި ހުޅަނގު އުތުރުން ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރު މިނުގަ އެވެ. އަދި، ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 30 މޭލަށް ވައިގަދަވުން އެކަށީގެންވާކަމަށް މެޓް އޮފީހުން ބުނެފައި ވެއެވެ.
މިއަދު، ކަނޑު އާދައިގެ ވަރަކަށް މަޑެވެ. އެހެންނަމަވެސް، ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަވާނެކަމަށް މެޓުން ލަފާކޮށްފައި ވެއެވެ. ރާޅު ނަގާނެކަމަށް ލަފާކޮށްފައި ވަނީ 2-5 އުސްމިނުގަ އެވެ.