ދިވެހިރާއްޖޭގައި ކަނޑުގެ އޮއިން ހަކަތަ އުފެއްދުމަށާއި، އައު ބާވަތްތަކުގެ އިއާދަކުރަނިވި ހަކަތަ އުފެއްދުމަށް އިންވެސްޓަރުން ހޯދަމުންދާކަން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިއުލާނު ކުރައްވައިފި އެވެ.
ރައީސް މިކަން އިޢުލާން ކުރެއްވީ، އދ. ގެ ޢާންމު މަޖިލީހުގެ ހަވާސާގައި، އިއާދަކުރަނިވި ހަކަތައާ ގުޅޭގޮތުން ދިވެހިރާއްޖެއިން ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުންނެވެ. ރައީސުލްޖުމްހޫރިއްޔާވަނީ ދިވެހިރާއްޖޭގައި އިއާދަކުރަނިވި ހަކަތަ އުފެއްދުމަށް އިންވެސްޓުކުރުމަކީ، ފައިދާ ކުރަނިވި ވިޔަފާރީގެ ފުރުޞަތަކަށް ވާނޭކަންވެސް ފާހަގަކުރައްވާފަ އެވެ.
ކޮޕް-28 އިން ފެށިގެން މިހާތަނަށް ދިވެހިރާއްޖޭގައި އިއާދަކުރަނިވި ހަކަތަ ބޭނުންކުރާ މިންވަރު، 53 މެގަވޮޓުން 68 މެގަވޮޓަށް އިތުރުކޮށްފައިވާކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވި އެވެ. އަދި 2030 ވަނަ އަހަރާ ހަމައަށް ނެޓް-ޒީރޯ އެމިޝަންސްއަށް ވާޞިލުވުމަށް އެކުލަވާލާފައިވާ ރޭވުންތަކުގެ ތަފްސީލުވެސް މި ބައްދަލުވުމުގެ ބައިވެރިންނާ ރައީސުލްޖުމްހޫރިއްޔާ ޙިއްސާކުރެއްވި އެވެ. މީގެ ތެރޭގައި އިރުގެ އައްޔާއި ވައި އަދި އެނޫންވެސް އިއާދަކުރަނިވި ވަޞީލަތްތަކުން ހަކަތަ އުފެއްދުމަށް އިންވެސްޓްކުރުމާއެކު، އިރުގެ އަލިން ހަކަތަ އުފެއްދުމުގެ ނިޒާމުތައް އިތުރުކޮށް، ހަކަތައިގެ ގޮތުގައި ފޮސިލް ފިއުލް ބޭނުންކުރާ މިންވަރު މަދުކުރުމަށް ޤަސްދުކުރައްވާފައިވާ ގޮތްވެސް ޙިއްސާކުރެއްވި އެވެ.
މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ވަނީ، މޫސުމާ ގުޅޭ މާލީ އެހީ އަތްފޯރާފަށަށް ގެނައުމަށް ގޮވާލައްވާފައެވެ. އަދި ނިއު ކަލެކްޓިވް ކުއަންޓިފައިޑް ގޯލްގައި ވާފަދައިން، އަވަސް މުއްދަތެއްގެ ތެރޭގައި ފައިސާ ދޫކުރެވޭނެ ގޮތްތައް ހިމެނުމަށްވެސް ގޮވާލެއްވި އެވެ. މީގެ ތެރޭގައި މޫސުމަށް އަންނަ ބަދަލުތަކުގެ އަސަރު ކުޑަކުރުމަށާއި، އެ ބަދަލުތަކަށް ހޭނުމަށާއި، އަދި މޫސުމީ ބަދަލުތަކުން ލިބޭ ގެއްލުމުން އަރައިގަތުމަށް މާލީ އެހީތެރިކަން ލިބޭނެ ގޮތްތައް ހިމަނަންވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ. އަދި މިހުރިހާ މަސައްކަތެއްވެސް 1.5 ޑިގްރީގެ އަމާޒަށް ވާސިލުވާނޭ ފަދައިން ބައްޓަންކުރަންވާނެ ކަމަށް ވިދާޅުވި އެވެ.
އިއާދަކުރަނިވި ވަޞީލަތްތަކުން ހަކަތަ އުފެއްދުމަކީ، މޫސުމީ ވިލުންތެރިކަން އިތުރުކޮށް، އިޤްތިޞާދު ހަރުދަނާކޮށް، ވިލުންތެރި މުޖުތަމަޢަކަށް މަގުފަހިކޮށްދޭނޭ ކަމެއް ކަމަށް، ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ. އަދި، ދިވެހިރާއްޖެއިން މިކުރާ މަސައްކަތްތަކުން ހިތްވަރުލިބިގެން، އިތުރު ޤައުމުތަކުންވެސް އިއާދަކުރަނިވި ވަޞީލަތްތަކުން ހަކަތަ އުފެއްދާނެކަމަށް އުންމީދުކުރައްވާކަމުގައި ވިދާޅުވި އެވެ.