back to top
29 C
Malé
- އިސްތިހާރު -spot_imgspot_img

މަގްބޫލް ލިޔުންތައް

މެރިކަލްޗަރ ކުރުމަށް ބޭނުންވާ ފަރާތްތަަކަށް މޫދުކޮށްޓާއި ފާނަ ވިއްކަނީ

މެރިކަލްޗަރކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މޫދު ކޮށްޓާއި ދިރޭ ކުދި ފާނަ ވިއްކުމުގެ ޕްރޮގްރާމެއް ކުރިޔަަގެންދަން ފިޝަރީޒް މިނިސްޓްރީން ނިންމައިފި އެވެ.

މިނިސްޓްރީން މިއަދު ވަނީ، އެ ޕްރޮގްރާމްގެ ދަށުން، މޫދު ކޮށްޓާއި ދިރޭ ކުދި ފާނަ ގަންނަން ބޭނުންވާ ފަރާތްތަކަށް އެތަކެތި ގަތުމަށް އެދި ނަންނޯޓްކުރުމުގެ ފުރުސަތު ހުޅުވާލާފަ އެވެ.

މިކަމާ ގުޅޭގޮތުން މިނިސްޓްރީން އާންމުކޮށްފައިވާ އިއުލާނުގައިވާގޮތުންނަމަ، މި ޕްރޮގްރާމްގެ ދަށުން 57 މޫދު ކޮށި ވިއްކުމަށް ވަނީ ނިންމާފަ އެވެ. ކޮށި ސެޓެއް ވިއްކަނީ އެއް ލައްކަ ރުފިޔާ އަށެވެ. އެއީ، ފުޅާމިނުގައި 3 މީޓަރު، ދިގު މިނުގައި 3 މީޓަރުގެ 8 ގޮޅި ހިމެނޭގޮތަށް ޖުމްލަ 72 އަކަ މީޓަރުގެ ކޮށްޓެވެ. އަދި މި ޕްރޮގްރާމްގެ ދަށުން، ގަންނަ މޫދު ކޮށި ކ. މަނިޔަފުށިން ގެންދިއުމުގެ އިންތިޒާމު ހަމަޖައްސަންޖެހޭނީ ކޮށި ގަންނަ ފަރާތްތަކުންކަމަށް މިނިސްޓްރީން ބުނެފައި ވެއެވެ.

އިއުލާނުގައިވާގޮތުންނަމަ، ކުދި ފާނަ ވިއްކަނީ، ކ. މަނިޔަފުށީގައި ހިންގާ ރިސާރޗް ހެޗަރީގައި ކުރިއަށްގެންދާ ފާނަ އާލާކުރުމުގެ ރިސާރޗް ޕްރޮގްރާމުގެ ތެރެއިން އުފެއްދޭ މިންވަރަކުން ބޮޑު މިނުގައި 06 ސެންޓިމީޓަރާއި 10 ސެންޓިމީޓަރާ ދެމެދުގެ ފާނައެއް 15 ރުފިޔާގެ މަގުން، ފާނަ ގަތުމަށް ޝައުގުވެރިކަން ފާޅުކުރާ ތަރުތީބަށް ބަލައިގެންނެވެ.

މޫދު ކޮށްޓާއި ކުދި ފާނަ ގަންނަން އެދޭ ފަރާތްތަކުން admin@fishagri.gov.mv އީމެއިލް މެދުވެރިކޮށް އެކަމަށް ނަންނޯޓްކުރެވެއެވެ. އަދި، މޫދު ކޮށި ނުވަތަ ކުދި ފާނަ ގަތުމުގެ ކުރިން، އެތަކެތި ބަލާލަން ބޭނުންވާ ފަރާތްތަކުން މިނިސްޓްރީގެ ނަންބަރު 3322242/3339251 ފޯނަށް ގުޅާލުމުން، ކ. މަނިޔަފުށްޓަށް ގޮސް ކޮށިތަކާއި ފާނަ ބަލާލުމުގެ އިންތިޒާމު ހަމަޖައްސައިދޭނެކަމަށް މިނިސްޓްރީން ބުނެފައި ވެއެވެ.

މި ޕްރޮގްރާމަކީ، ދިވެހިރާއްޖޭގައި މެރިކަލްޗަރ ސިނާއަތެއް ޤާއިމުކޮށް ތަރައްޤީ ކުރުމުގެ ގޮތުން ކުރިޔަށް ގެންދާ ޕްރޮގްރާމެކެވެ.މޫދު ކޮށްޓާއި ދިރޭ ކުދި ފާނަ އަމިއްލަ ފަރާތްތަކަށް ލިބޭނޭ އިންތިޒާމު ހަމަޖައްސައިދެނީ ފާނަ ބޮޑުކޮށްގެން މެރިކަލްޗރގެ ވިޔަފާރި ކުރުމަށް މަގު ފަހިކޮށްދިނުމުގެ ގޮތުންކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެފައި ވެއެވެ.

މިލިޔުމާއި ގުޅޭ