back to top
29 C
Malé
- އިސްތިހާރު -spot_imgspot_img

މަގްބޫލް ލިޔުންތައް

ވ. މިޔަރު ކަނޑު ސަރަހައްދުގައި ރިސޯޓެއް ހަދަން އުޅޭތީ އެ އަތޮޅު ކައުންސިލުން ކަންބޮޑުވުން ފާޅުކޮށްފި

ވ. މިޔަރު ކަނޑާއި އިންވެގެން އޮންނަ ވ. މެދުފަޅު ގައި ރިސޯޓެއް ތަރައްގީކުރުމުގެ މަސައްކަތް ކުރިޔަށް ދާތީ، ވ. އަތޮޅު ކައުންސިލުން އެކަމާއި ކަންބޮޑުވުން ފާޅުކޮށް، އެކަން އެގޮތަށް ނުކުރުމަށް ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލްއަށް ދަންނަވައިފި އެވެ.

ކާނި ހޮޓެލްސް އެންޑް ޓުއާސް ޕްރައިވެޓް ލިމިޓެޑަށް ވ. އަތޮޅުގައި ރިސޯޓެއް ތަރައްގީ ކުރުމަށް ދޫކޮށްފައިވާ ފަޅު ހިއްކުމުގެ މައްސަލައާއި ގުޅިގެން، އެކަމާއި ކަންބޮޑުވުން ފާޅުކޮށް، ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް އަށް، ވ. އަތޮޅުގެ ކައުންސިލް ރައީސް ޝުޖާއު އަލީ ވަނީ ސިޓީއެއް ފޮނުވާފަ އެވެ.

އެ ސިޓީގައި، ރިސޯޓް ތަރައްގީކުރުމަށް ހިއްކުމަށް، ފާހަގަކޮށްފައިވާ ސަރަހައްދާއި އިންވެގެންވާ ”ވ. މިޔަރު ކަނޑު“ ސަރަހައްދު(1382.54 ހެކްޓަރު) އަކީ 1995 ވަނަ އަހަރުން ފެށިގެން ހިމާޔަތްކޮށްފައިވާ ސަރަހައްދެއް ކަމުގައިވާތީ، އެ ސަރަހައްދުގައި އެފަދަ މަޝްރޫއެއް ހިންގުމަކީ، ގާނޫނާއި ޚިލާފު ކަމެއް ކަމުގައިވާތީ އެސަރަަހައްދުގައި ރިސޯޓް ތަރައްގީކުރުމުގެ މަސައްކަތް ނުކުރުމަށް ދަންނަވާފައި ވެއެވެ.

އަދި މިނިސްޓްރީން ރިސޯޓް ތަރައްގީކުރުމަށް، ދޫކޮށްފައިވާ ވ. މެދުފަޅު ގައި ރިސޯޓް ތަރައްގީކުރުމަށް ކުރަމުންދާ މަސައްކަތްތައް ކުރަމުންދަނީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތަށް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނާއި ޚިލާފަށް ކަމަށް ބުނެފައި ވެއެވެ. އަދި، އެ ގާނޫނުގެ 3 ވަނަ ބާބުގެ 1-8 ގެ(ށ)ގައި، އަތޮޅު ކައުންސިލް ނިސްބަތްވާ އިދާރީ ދާއިރާގެ ތެރޭގައި ހިމެނޭ އެންމެހައި ފަޅު ރަށްތަކާއި، ފަޅުތައް ސަރުކާރުގެ އެއްވެސް އިދާރާއަކުން ބޭނުން ކުރަންވާނީ، ނުވަތަ ތަރައްގީ ކުރަންވާނީ، ނުވަތަ އެހެން ފަރާތަކަށް ކުއްޔަށް ނުވަތަ ވަރުވާއަށް ދޫކުރަންވާނީ، އަތޮޅު ކައުންސިލާއި މަޝްވަރާ ކުރުމަށް ފަހުގައި ކަމަށް ބަޔާންކޮށްފައިވީނަމަވެސް، އެކަންކޮށްފައިވަނީ، އެ ކައުންސިލާއި މަޝްވަރާކުރުމެއް ނެތި، ގާނޫނާއި ޚިލާފަށް ކަމަށް ކައުންސިލުން ފާހަގަކޮށްފައި ވެއެވެ.

މި ސިޓީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށާއި، އެންވަޔަރަންމަންޓް މިނިސްޓްރީއަށާއި، ލޯކަލް ކައުންސިލް މިނިސްޓްރީއަށް ކޮޕީކޮށްފައި ވެއެވެ.

 

މިލިޔުމާއި ގުޅޭ