މަސްވެރިކަމާގުޅޭ ކަންކަމުގައި ފުރިހަމަ އެއްބާރުލުން ދެއްވާނެކަމުގެ ޔަގީންކަން، ސިޓީތަކާއި އިދާރީ ދާއިރާތާތައް ހިންގުމާއި އާންމު މަސައްކަތްތަކާއި ބެހޭ ވަޒީރު އާދަމް ޝަރީފު ޢުމަރު ދެއްވައިފި އެވެ.
ވަޒީރު އެކަމުގެ ޔަގީންކަން ދެއްވީ، މަސްވެރިކަމާއި ބެހޭ ވަޒީރު އަޙްމަދު ޝިޔާމްއާއެކު މިއަދު ބޭއްވެވި ބައްދަލުކުރެއްވުމެއްގަ އެވެ. ދެ ވުޒާރާގެ އިސްބޭފުޅުން ބައިވެރިވެވަޑައިގެންނެވި މި ބައްދަލުވުން އޮތީ ސިޓީސް މިނިސްޓްރީގައެވެ.
މި ބައްދަލުވުމުގައި ވަޒީރު ޝިޔާމް ދެއްކެވި ވާހަކަފުޅުގައި ސިޓީސް މިނިސްޓްރީން މިހާރު އަޅަމުންގެންދާ ކަނދުފަތިތަކުގެ ބަރު އެޅުމުގެ މަސައްކަތް ސިޓީސް މިނިސްޓްރީގެ ޕަބްލިކް ވާރކްސް ޑިޕާރޓްމަންޓުން ވަރަށް ފުރިހަމައަށް ކޮށްދެމުން އަންނަކަން ފާހަގަކުރައްވައި، އެ މަސައްކަތުގައި ޝާމިލުވާ ހުރިހައި ފަރާތްތަކަށް ޝުކުރު އަދާކުރެއްވި އެވެ.
މި ބައްދަލުކުރެއްވުމުގައި ވަޒީރު، އާދަމް ޝަރީފު ވަނީ ވަޒީރު ޝިޔާމަކީ ވަރަށް ރަނގަޅަށް ރައްޔިތުންނާ ގުޅުން ހުރި ކަންކަން ވަރަށް ކައިރިން ބައްލަވަމުން ގެންދަވާ ބޭފުޅެއްކަން ފާހަގަކުރައްވައި، ފިޝަރީޒް މިނިސްޓްރީން އެދޭ ކަންކަމުގައި ސިޓީސް މިނިސްޓްރީން އެއްބާރުލުން ދޭނެކަމުގެ ޔަގީންކަން ދެއްވާފަ އެވެ.
މި ބައްދަލުވުމުގައި ފިޝަރީޒް މިނިސްޓްރީގެ ފަރާތުން މިހާރު ކުރަމުންގެންދާ މަސައްކަތްތަކުގެ ޕްރެޒެންޓޭޝަނެއްވެސް ހުށަހަޅާފައި ވެއެވެ.
ދެވަޒީރުން ބައްދަލުކުރެއްވުމެއް ބާއްވަވައި، މަޝްވަރާ ކުރައްވާފައި މިވަނީ ރާއްޖޭގެ އެކި ސަރަހައްދުގައި ދޮށީގެ މަސްވެރިކަމަށް ޚާއްސަކޮށް އަޅާފައިވާ ބައެއް ކަނދުފަތިތައް ހަލާކުވެ، އެ މަރާމާތުކުރުމުގެ މަސައްކަތް ލަސްވެ، މަސްވެރިން އެކަމާއި ކަންބޮޑުވުން ފާޅުކުރަމުންދާ ދަނޑިވަޅެއްގަ އެވެ.
ފިޝަރީޒް މިނިސްޓްރީން ބުނާ ގޮތުގައި ކަނދުފަތިތައް މަރާމާތު ކުރުމުގައި ލަސްތަކެއް އުޅެނީ ކަނދުފަތިތައް މަރާމާތު ކުރުމަށް ބޭނުންވާ ގާ އެޅުން ހުއްޓިފައިވާތީ އެވެ. ކުރިން އެގާ އެޅުމަށް ބޭނުންކުރަމުން އައިތަން އޮފީސް އިމާރާތަކަށް ހަމަޖައްސާފައިވާތީ ގާ އެޅުންހުއްޓި، މިނިސްޓްރީން ކަނދުފަތި މަރާމާތު ކުރުމަށް އަތޮޅުތަކަށް އާދައިގެ މަތިން ކުރަމުންދާ ދަތުރުތައްވެސް ވަނީ ހުއްޓިފަ އެވެ.
މިނިސްޓްރީން ބުނީ، ގާ އެޅުމަށް މިހާރު ޝެޑެއް އަޅަމުންދާކަމަށާއި، އެ ޝެޑް ނިމުމާއެކު ގާ އަޅައިގެން ކަނދުފަތި މަރާމާތު ކުރުމުގެ ދަތުރުތައް ފަށާނެކަމަށެވެ. އަދި، ދަތުރު ފުރަތަމަ ފަށާނީ ދެކުނަށް ކަމަށާއި، އެ ދަތުރުގައި ކަނޑައިގެން ގޮސްފައިވާ ކަނދުފަތިތައް މަރާމާތުކުރުމަށް އިސްކަންދޭނެކަމަށް މިނިސްޓްރީން ބުނެފައި ވެއެވެ.