އަހަރުމެންނަށް ދޭން ހުރި ފައިސާ ޚަލާސްނުކޮށް ކެމްޕޭން ދަތުުރުކޮށްގެން ނުވާނެ: މަސްވެރިން
ކެޔޮޅާ |
21 ފެބްރުއަރީ 2024

މަސްވެރިންނަށް ދައުލަތުން ދޭން ހުރި ފައިސާ ދައްކާ ޚަލާސްނުކޮށް ރައީސް ޑރ. މުހައްމަދު މުއިއްޒު ކެމްޕޭން ދަތުރުތަށް ކޮށްގެން ނުވާނެކަމަށާއި މިހާރުން މިހާރަށް ދަތުރު ހުއްޓާލެއްވުމަށް މަސްވެރިން ގޮވާލައިފި އެވެ.

މަސްވެރިންނަށް މިފްކޯއިން ދޭންޖެހޭ ފައިސާ ނުދީގެން މިދިޔަ އާދީއްތަ ދުވަހުގެ ހެނދުނުން ފެށިގެން ކޫއްޑޫގައި ދަނީ އިހުތިޖާޖު ކުރަމުންނެވެ. އަދި ކޫއްޑޫގެ އޮޕަރޭޝަން މަސްވެރިން ވަނީ ހުއްޓުވާފަ އެވެ. މަސްވެރިން ޑިމާންޑު ކުރަމުންދަނީ މަަސް ގަތް ބިލުތަކަށް އެއްފަހަރާ ފައިސާ ދައުލަތުން ދެއްކުމެވެ.

ރައީސް ދެކުނުގެ އަތޮޅުތަކަށް ކުރައްވަމުން ގެންދަވާ ދަތުުފުޅުގައި މިހާރު ގެންދަވަނީ ގދ އަދި ގއ އަތޮޅަށް ދަތުރުކުރައްވަމުންނެވެ. މަސްވެރިންގެ އިހުތިޖާޖުކޮށް ހައްލެއް ހޯދުމަށް އަޑުއުފުލަމުންދާ މިދަނޑިވަޅުގައި އެކަން ހައްލުކޮށް ނުދެއްވައި ރައީސް ބޮޑު ވަފުދެއް ގޮވައިގެން ދައުލަތުގެ ފައިސާއިން ޚަރަދުކޮށްގެން ދަތުރު ކުރައްވަމުން ގެންދަވާތީ މަސްވެރިން ވަނީ އެކަމާއި ކަންބޮޑުވުން ފާޅުކޮށް އެކަން ކުށްވެރިކޮށްފަ އެވެ.

ކޫއްޑޫގައި މިހާރު އިހުތިޖާޖު ކުރަމުންދާ މަސްވެރިންގެ ތެރެއިން ކެޔޮޅާއާއި ވާހަކަދެއްކި ގދ ފަރެސް މާތޮޑާ ވިލެޖް މެރިން ދޯނީގެ ކެޔޮޅު އަބްދުﷲ ޖަމީލު ބުނީ މަސްވެރިންގެ އިހުސާސްތައް ރައީސަށް އެއްވެސް ވަރަކަށް އިހުސާސްކުރެވޭނަމަ އެ ދަތުރުތައް ނުކުރައްވާނެކަމަށެވެ. ރައީސްގެ ދަތުރުތަކަކީ ކެމްޕޭންގެ ދަތުރުތަކެއް ކަމަށް ބުނެ، ޖަމީލު ބުނީ މަސްވެރިންގެ ގޮވާލުމަކީ، މަސްވެރިންނަށް ފައިސާ ދީ ޚަލާސް ކުރެވެންދެން ރައީސްގެ ދަތުރުތައް ހުއްޓާލައްވަން ކަމަށެވެ.

”އަހަރުމެން މިތާ ބައިތިއްބާފައި ރައީސް ކެމްޕޭން ފަށައިގެން އެއުޅެނީ. ހަމަ ދައުލަތުގެ ލާރިން އެ ދަތުރު ކުރަނީ. މަގޭ ސުވާލަކީ ދައުލަތުގައި ލާރި ނެތިގެންހޭ އެ ލާރި އަހަރުމެންނަށް ނުދީގެން ތިއުޅެނީ؟ ނޫނިއްޔާ އަޅުގަނޑުމެންނަށް ކުރާ ޖެއްސުމެއްތޯ؟ މި އިހުތިޖާޖުގެ މަސްވެރިން އެބަބުނޭ ދައުލަތުގެ ފައިސާއަކީ ތިމަންނާމެންގެ ވެސް ފައިސާއޭ، އޭގައޭ ކެމްޕޭން ދަތުރު ކުރަމުން އެދަނީ. ދައުލަތުގެ ލާރި ނެތިއްޔާ ކެމްޕޭން ދަތުރުތައް ހުއްޓާލާށޭ. މަސްވެރިންނަށް ލާރި ދީ ނިމެންދެން ދަތުރުތައް ހުއްޓާލާށޭ. ރައީސް މަޑުކުރައްވާށޭ މަސްވެރިންނަށް ލާރި ދެވެންދެން ކެމްޕޭން ނުކޮށް، ލާރި ދީ ޚާލާސްކޮށްފައި ކެމްޕޭނަށް ނިކުތަސް އަހަރުމެންގެ މައްސަލައެއް ނެތް.“ މާޖިދު ބުންޏެވެ.

އިހުތިޖާޖު ހުއްޓާލައި މަސްވެރިން މަޝްވަރާ އަށް އައުމަށް ރައީސް ގޮވާލައްވައިފި

އިހުތިޖާޖު ހުއްޓާލައި މަސްވެރިން މަޝްވަރާ އަށް އައުމަށް ރައީސް ގޮވާލެއްވުމާއި ގުޅިގެން މަސްވެރިން ބުނީ މި ސަރުކާރަކީ މިއީ އަސްލު ވަރަށް ދޮގު ހަދާ ސަރުކާރެއްކަމަށާއި، މަސްވެރިން މަޝްވަރާއަށް އަންނާށޭ ބުންޏަސް ފައިބުޑަށް ވެއްޓެން މަސްވެރިން ނުދާނެކަމަށެވެ. މަސްވެރިން ބުނީ މަސްވެރިން އާދޭސް މިކުރަނީ ރެއާއި ދުވާލުކުރި ބުރަ މަސައްކަތުން ލިބުނު އުޖޫރަ ހޯދަން ކަމަށެވެ. އެއްވެސް ހާލެއްގައި ރައީސް ނުވަތަ ސަރުކާރުގެ ފައިސާ ހޯދަން ސަލާން ޖަހަނީ ނޫންކަމަށެވެ.

”މަސްވެރިން ނުޖެހޭނެ ރައީސް ކައިރިއަށް ދާކަށް. މަސްވެރިން މިތިބީ ސަރުކާރުން އަޅުގަނޑުމެންނަށް ދޭންޖެހޭ އަޅުގަނޑުމެން ބުރަ މަސައްކަތްކޮށްގެން އަހަރުމެން ކުރި މަސައްކަތުގެ އުޖޫރަ ހޯދަން އައިސް މިތިބީ. އެމީހުން އަތުން އެއްޗެއް ހޯދާކަށް ނޫން. އަޅުގަނޑުމެން ކުރި މަސައްކަތުން އަޅުގަނޑުމެންނަށް އެބަ އިނގޭ މިތަންތަނުން މަސް ބޭރުކޮށްފިކަން. ކިރި މަހަށް ލާރި ލިބުނުކަން ވެސް އިނގޭ. މިނިސްޓަރު އަހަރުމެން ކައިރީ ސާފުކޮށް ދެއްކި އެވާހަކަ. އެމީހުން ބައްދަލުކުރަން ވެއްޖިއްޔާ އެމީހުން އާދޭ އަހަރުމެން ކައިރިޔަށް .މިއަދު ރައީސް ވިލިގިއްޔަށް އަންނަ ޚަބަރު ލިބޭ. ކޫއްޑޫ މިއޮތީ އެރަށާ ޖެހިގެން. ރައީސް އަޅުގަނޑުމެންނާއި ބައްދަލުކުރަން ބޭނުންވެއްޖެއްޔާ އަންނަންވީ.“ މާޖިދު ބުންޏެވެ.

މާޖިދު އިތުަރަށް ބުނީ، ދޭތެރެ ދޭތެރެއިން ބައްދަލުކޮށް ފައިސާ ހަމަޖެހުނު ވަރު އަންގަމުންދާކަމަށާއި، އެހެންނަމަވެސް އެ ފައިސާ ދޫނުކުރާ ކަމަށެވެ. މިފްކޯގެ ސީއީއޯ 119 މިލިއަން ރުފިޔާ ހަމަޖެހުނުކަމަށް ވިދާޅުވި ނަމަވެސް އަދިވެސް އެފައިސާ ދޫކުރާނެ ގޮތައް ކަނޑަނާޅާ ކަން ފާހަނގަކޮށް މާޖިދު ބުނީ، ވީހާ އަވަހަކަށް ފައިސާ ދޫކުރުމަކީ މަސްވެރިންގެ ޑިމާންޑެއް ކަމަށެވެ.

މަސްވެރިންގެ ޑިމާންޑަކީ 25 ރުފިޔާގެ ރޭޓުން މިފްކޯއިން މަސްވެރިން އަތުން ގަތް މަހަށް އެ ރޭޓުން ފައިސާ ދެއްކުމަށާއި، އަދި މިހާތަނަށް މަސްވެރިންނަށް ދަރާފައި ހުރި ހުރިހައި ފައިސާއެއް ދައްކާ ޚަލާސްކުރުން ކަމަށެވެ. އަދި، އެކަން އެގޮތަށް ނުކުރަނީސް މަސްވެރިން އިހުތިޖާޖު ހުއްޓާނުލާނެކަމަށާއި އަދި ކޫއްޑޫ ދޫކޮށްވެސް ނުދާނެކަމަށް މަސްވެރިން ދަނީ ބުނަމުންނެވެ.

ރައީސް މުއިއްޒު ވިދާޅުވެފައިވަނީ، ސަރުކާރަށް މިވީ 3 މަސްދުވަހުގެ ތެރޭގައި 442 މިލިއަން ރުފިޔާ މަސްވެރިންނަށް ދޫކޮށްފައިވާކަމަށާއި، ދެންހުރި ފައިސާވެސް އަންނަ މާޗުގެ ފަހެއްގެ ކުރިން ދައްކާ ޚަލާސް ކުރާނެކަމަށެވެ.

ސަރުކާރުން ފައިސާ ދައްކާނެކަމަށް ބުނާ ޓައިމްލައިން:

  • މިދިޔަ ހަފުތާ ކިރި މަހުގެ 26 މިލިއަން ރުފިޔާ މި ހަފްތާ ތެރޭ
  • 100 މިލިއަން ރުފިޔާ ހޯމަ ދުވަހު
  • ބާކީ 180 މިލިއަން ރުފިޔާ މާޗު 5 އަށް ދީ ޚަލާސްކުރަން

މަސްވެރިން ވަނީ ސަރުކާރުން ހުރިހައި މީޑިއާއެއް ގަނެފައިވާތީ މީޑިއާތަކުން އެމީހުންގެ ޚަބަރު ގެނެސްނުދޭކަމަށް ތުހުމަތުކޮށްފަ އެވެ. އަދި އެނޫސްތަކުން ސަރުކާރުގެ ޕްރޮޕެގެންޑާ ފަތުރަމުން ސަރުކާރަށް ސަނާ ކިޔަމުން އަންނަކަމަށް މަސްވެރިން ބުނެއެވެ.

 

ގުޅުންހުރި ލިޔުންތައް
error: Content is protected !!