މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ(މިފްކޯ)، ޗީފް އެގްޒެކެޓިވް އޮފިސަރެއް ނެތި ހިންގާތާ ތިން މަސްވެއްޖެ އެވެ.
ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރައިޒޭޝަން ބޯޑް(ޕީސީބީ) އިން، މިފްކޯގެ ސިއީއޯކަމުގައި ހުންނެވި އަހްމަދު ޝަމާހް މަގާމުން ވަކިކޮށްފައިވަނީ މިދިޔަ މެއި މަހުގެ 21 ވަނަ ދުވަހުއެވެ. އޭނާ މަގާމުން ވަކިކުރި ސަބަބެއް އޭރަކު، ޕީސީބީން ބުނެފައެއް ނުވެއެވެ. އެހެންނަމަވެސް މަގާމުން އޭނާ ވަކިކުރުމުގެ ކުރިން، ހުށަހެޅިފައިވާ މައްސަލައަކާ ގުޅިގެން އިންކުއަރީއެއް ކުރިޔަށްގެންދަން ކަމަށް ބުނެ އޭނާ މާޗްމަހުގެ 18 ވަނަ ދުވަހުން ފެށިގެން އެޕްރީލް 21 ވަނަ ދުވަހާ ހަމަޔަށް ސަސްޕެންޝަންގައި ބެހެއްޓިއެވެ. އަދި ވަޒީފާއަށް ނިކުތުމުގެ ހުއްދަ އެމަހުގެ 24 ގައި ދިނުމަށްފަހު، އެއްމަސް ނުވަނީސް މަގާމުން ވަކިކުރިއެވެ. އޭނާގެ މައްޗަށް ބޮޑެތި ތުހުމަތުތަކެއް ޕީސީބީން ކުރި ނަމަވެސް، އެކަމާއި އޭނާ އިންކާރުކޮށްފައި ވެއެވެ. ޕީސީބީން މިއަދާ ހަމަޔަށް އާއިރުވެސް ހިންގިކަމަށް އެބުނާ އިންކުއަރީއެއްގެ ތަފުސީލު ނުވަތަ އެ އިންކުއަރީއާ ގުޅޭގޮތުން އެއްވެސް އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ. ޖެހިގެން އައި ދުވަހު (22 މެއި 2024)އަހުމަދު ޝަމާހު ރަޝީދު ފިޝަރީޒް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމަށް ރައީސުލްޖުމްހޫރިއްޔާ އައްޔަނު ކުރެއްވި އެވެ. އެހާހިސާބުން ފެށިގެން އަދިވެސް މިފްކޯގެ ސީއީއޯގެ މަގާމު އޮތީ ހުހަށެވެ.
ޝަމާހް މަގާމުން ވަކިކޮށްފައިވަނީ މަސްވެރިންވެސް އޭނާއާ މެދު ހިތްހަމަނުޖެހިގެން ނުރުހުން ފާޅުކޮށް މިފްކޯގެ ސިޔާސަތުތަކަށް ފާޑުކިޔަައި، އޭނާގެ އިސްތިއުފާއަށް ފާޅުގައި ގޮވާލަމުންދަނިކޮށްނެވެ. އެހެންކަމުން އޭނޭ މަގާމުން ވަކިކުރުމުން މަސްވެރިންގެ އިތުރުން ގިނަބަޔަކު ތިބީ މިފްކޯގެ ސީއީއޯއަކު އައްޔަންކުރާނެ ދުވަހެއްގެ އިންތިޒާރުގަ އެވެ. މީގެ ކުރިން ސަރުކާރު ކުންފުނިތަކުގެ މިފަދަަ މަގާމުތަކަށް އައްޔަން ކުރަނީ ސަރުކާރުން ނަން ފޮނުވާ ބޭފުޅެއްކަމުން މަސްވެރިން ވިސްނީ އެމަގާމަށް އަންނާނީ ސިޔާސީ ބޭފުޅެއްކަމަށެވެ. ދުވަސްތައް ދިގުވަމުން ގޮސް އެންމަހަށް ވެގެން ދިޔައިރުވެސް، މިފްކޯއަށް ސީއީއޯއެއް އައްޔަން ނުކުރެއެވެ.
އެހެން ތިއްބައި އެންމެން ސިއްސުވާލީ، ބޭރުގެ ގައުމުތަކުގެ މީހުންނަށްވެސް ކުރިމަތިވެލޭ ގޮތަށް ޕީސީބީން މީހަކު ހޯދުމަށް އިއުލާންކުރި ޚަބަރުންނެވެ. ޕީސީބީން 26 ޖޫން 20204 ގައި ކުރި އިއުލާނުގައި ބުނެފައިވަނީ، މަސްވެރިކަމުގެ ދާއިރާގެ ހުނަރުވެރި އަދި މަސައްކަތަށް ފަރުވާތެރި މީހަކު މިފްކޯގެ ސީއީއޯއަކަށް ހޯދަން ބޭނުންވާ ކަމަށެވެ. އަދި، އެ މަގާމަށް މީހަކު ހޮވުމުގައި ގާބިލްކަމާއި ތަޖުރިބާއަށް ބަލާނެ ކަމަށް ބުނެފައި ވެއެވެ. ޖުލައި މަހުގެ 15 ވަނަ ދުވަހާ ހަމަޔަށް ފުުރުސަތު ހުޅުވާލިއިރު މަގާމަށް ކުރިމަތިލީ ކިތައް ބޭފުޅުން ކަމެއް ނޭނގެއެވެ. މީޑިއާއަށް ތިލަވެފައިވާ މައުލޫމާތުތަކަށް ބަލާއިރު، މިފްކޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އާތިފް ޝަކޫރު އެ މަގާމަށް ކުރިމަތިލެއްވިކަން އެނގެއެވެ. އާތިފް ވަނީ މިފްކޯގެ ޑެޕިއުޓީ ސީއީއޯ ކަމާއި އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓު (އެފްއައިޔޫ) ގެ އިސްވެރިޔާގެ މަގާމުވެސް މީގެ ކުރިން އަދާކޮށްފަ އެވެ.
ޕީސީބީން މިފްކޯއަށް ސީއީއޯއެއް ހޯދަންކުރި އިއުލާނު ބާޠިލްކުރިކަން ޖުލައި 16ވަނަ ދުވަހު އިއުލާނުކުރިއެވެ. ޕީސީބީންއެދުވަހު ބުނީ، އެ އިއުލާނު ބާތިލުކުރަން ނިންމީ ޝަރުތު ހަމަވާ ކެންޑިޑޭޓަކު ކުރިމަތިލާފައި ނުވާތީ ކަމަށެވެ.އެއިއުލާން ބާޠިލުކުރިތާ އެއްމަހަށްވުރެ ގިނަދުވަސް ވެފައިވާއިރު، ޕީސީބީން އަދި އެކަމަށް އަލުން އިއުލާނެއް ނެރެފައެއް ނުވެއެވެ.
މިކަމާ ގުޅޭގޮތުން ޕީސީބީންވެސް އަދި ސަރުކާރުގެ ބަހެއްވެސް ލިބޭގޮތް ނުވެފައިވަނިކޮށް، މިއަހަރުގެ މިނިވަން ދުވަހުގެ ރަސްމީ ޖަލްސާ ގައި ރައީސުލްޖުމްހޫރިއްޔާ ސަރުކާރުގެ ކުންފުނިތައް ރިފޯމް ކުުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ވާހަކަ ހިއްސާކުރައްވަމުން ވިދާޅުވީ މިފްކޯއަށް އަސްލު ދިމާވެފައިވާ މައްސަލައާ މިފްކޯ ދަރަނިވެރިވާ ގޮތް އެނގިވަޑައިގަންނަވާ ކަމަށާއި، މިފްކޯ ދެން ކޮޅަށް ޖެހޭނީ އެންމެ މަތީ ފެންވަރުގައި ކުންފުނިތައް ހިންގާފައިވާ ބޭރުގެ ތަޖުރިބާކާރަކަށް ކަމަށެވެ. އަދި، މިފްކޯ ހިންގުމަކީ ދިވެހީންނަށް ނުކުރެވޭނެ ކަމެއް ނޫން ކަމަށާ ނަމަވެސް މިހާތަނަށް ކުރެވުނު ތަޖުރިބާއަށް ބަލާއިރު މިފްކޯއަށް ބޭނުން ވަނީ މި ސިނާއަތާއި ގުޅުމެއް ނެތް މިނިވަން ކަމާއެކު މަސައްކަތް ކުރާނެ ތަޖުރިބާހުރި އިހްލާސްތެރި މީހަކަށް ކަމަށް ރައީސް ވިދާޅުވި އެވެ.
”މިފްކޯ ދެން ނަގާ ކޮޅަށް ޖެހޭނީ ދުނިޔޭގެ ފެންވަރުގެ އެންމެ މަތީ ފެންވަރު ގައި ކުންފުނިތަށް ހިންގާފައި ހުރި ހިންގުންތެރި ތަޖުރިބާކާރު މީހަކު ހަޔާ ކޮށްގެން ގެނެސް މިފްކޯއާ ހަވާލުކޮށްގެން،“ މިނިވަން ދުވަހުގެ ޖަލްސާގައިރައީސް ވިދާޅުވި އެވެ.
އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް ވިދާޅުވެފައިވަނީ މިފްކޯއަށް ބޭރުގެ ސީއީއޯއެއް ހޯދުަމށްޓަކައި ކުރި އިއުލާނަށް އެންމެ ރަނގަޅު ތަރުހީބެއް ނުލިބުމުން އަނެއްކާވެސް އިތުރު އިއުލާނެއް ކުރަންޖެހިފައިވާ ކަމަށެވެ. އަދި މިހާރު ސަރުކާރާއި މިފްކޯއާއި ޕީސީބީއިންވެސް ބަލަުންދަނީ ވިހާވެސް އަވަހަށް މިފްކޯއަށް ސީއީއޯއަކު ހޯދުމަށް ކަމަށް ވިދާޅުވިއެވެ.
”މިފްކޯގެ ހިންގުން ހަރުދަނާ ކުރުމަށްޓަކައި، އަޅުގަނޑުމެންނަށް ގަބޫލު މިކުރެވެނީ ހަމަ ވަރަށް ރަނގަޅު ސީއޯއެއް ލިބިގެން ވިހާޥެސް އަވަހަކަށް އެކަން ކުރަންޖެހޭކަމަށް. އެކަން އެބަދޭ ކުރިޔަށް. މާ ގިނަ ދުވަހެއް ވާނެކަމަކަށް އަޅުަގަނޑު ގަބޫލެއް ނުކުރަން.“ މިނިސްޓަރަު ވިދާޅުވި އެވެ.
މިފްކޯގައި ސީއީއޯއެއް ނެތަސް، އެކުންފުނިންވަނީ ކުންފުނިީގެ ގޯހުން ހުރި ކަންކަން އިސްލާހުކޮށް ހިންގުން ހަރުދަނާ ކުރުމަށްޓަކައި އެފިޝިއެންސީ އެކްސަސައިޒެއް ފަށާފައެވެ. މިފްކޯއިން ބުނީ އެކުންފުނީގެެ އަމާޒަކީ، އެފިޝަންސީ އެކްސަސައިޒްގެ ތެރެއިން އަހަރެއްހާ ދުވަހުގެ ތެރޭގައި އެ ކުންފުންޏަކީ ފައިދާގައި ހިނގާ އަދި ދައުލަތަށް ޑިވިޑެންޑު ދައްކާ ކުންފުންޏަކަށް ބަދަލުކުރުން ކަމަށެވެ.