back to top
29 C
Malé
- އިސްތިހާރު -spot_imgspot_img

މަގްބޫލް ލިޔުންތައް

ރާއްޖޭގައި ލޭނު މަސްވެރިކަން ކުރާނަަމަ މަސްވެރިކަމަށް ގެއްލުންވާނެ: ރައީސް ނަޝީދު

ދިވެހިރާއްޖޭގައި ލޭނުގެ މަސްވެރިކަން ކުރަން ހުއްދަދީފިނަމަ، އޭގެ ސަބަބުން މަސްވެރިކަމަށް ގެއްލުންވާނެކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ވަޒީރުންގެ މަޖިލީހުން ރާއްޖޭގައި ބޮޑުކަންނެލީގެ ލޭނުގެ މަސްވެރިކަން ކުރުމަށް ހުއްދަދޭން ނިންމުމާއި ގުޅިގެން، މޯލްޑިވްސް އޯޝަން އެލަޔަންސް އަދި ބޮޑު ކަންނެލީގެ މަސްވެރިންގެ ޔޫނިއަނުން ގުޅިގެން އެކަމާއި ދެކޮޅު ހަދައި، އޮންލައިން ޕެޓިޝަނެއް ވަނީ ލޯންޗުކޮށްފަ އެވެ. އެ ޕެޓިޝަނުގައި މިހާތަނަށް އާއިރު 13،000 މީހުން ވަނީ ސޮއިކޮށްފަ އެވެ.

މަސްވެރިކަމުގެ ދާއިރާގެ ގިނަ ބަޔަކު ލޭނު މަސްވެރިކަމާއި ދެކޮޅަށް އަޑު އުފުލަމުން ދަނިކޮށް، ރައީސް ނަޝީދުވެސް ވަނީ، އެ ކަމާއި ދެކޮޅުކަން ހާމަކުރައްވާފައެވެ. ”އެކްސް“ ހިއްސާ ކުރެއްވި މެސެޖެއްގައި އެމަނިކުފާނު ވިދާޅުވީ، ލޭނު މަސްވެރިކަންކުރާއިރު ގިނަ އަދަދެއްގެ އެންމަޑި، ކޯމަސް، ކަނޑުމަތީ ދޫނި އަދި މިޔަރުތައް ދަލުގައި ޖެހޭނެ ކަމަށެވެ. މިއީ، އޭގެ ޒާތުގައި ރާއްޖޭގެ މަސްވެރިކަމާއި ފަތުރުވެރިކަމަށްވެސް ގެއްލުންވެގެންދާނެ ކަމެއްގެގޮތުގައި ނަޝީދު ވިދާޅުވެފައި ވެއެވެ.

”އޭގެ ސަބަބުން ދެމެހެއްޓެނިވި ގޮތެއްގައި ކުރިޔަށްދާގޮތަށް ބިނާވެފައިވާ ރާއްޖޭގެ ފަތުރުވެރިކަމާއި، ”ޕޯލް އެންޑް ލައިން ޓޫނާ“ ބްރޭންޑްތަކަށް ގެއްލުންވާނެ“ ނަޝީދު ވިދާޅުވެފައި ވެއެވެ.

މިދިޔަ މާޗުމަހުގެ ތެރޭގައި ވަޒީރުންގެ މަޖިލީހުން ރާއްޖޭގައި ބޮޑު ކަންނެލީގެ ލޭނުމަސްވެރިކަމަށް ހުއްދަދޭން ނިންމުމާއި ގުޅިގެން ފިޝަރީޒް މިނިސްޓްރީން ވަނީ، ލޭނުމަސްވެރިކަން ކުރުމާ ބެހޭ ގަވާއިދެއް އެކުލަވާލައި އޭގެ ދެލިކޮޕީ މި މަހުގެ 5 ވަނަ ދުވަހު އާންމުކޮށްފަ އެވެ. އެ ގަވައިދާ ގުޅޭ ގޮތުން އާއްމުންގެ އެއްވެސް ހިޔާލެއްވާނަމަ މާދަމާ މެންދުރު 12:00 ގެ ކުރިން fisheriesmanagement@fisheries.gov.mv އަށް މެއިލް ކުރެއްވުން ފިޝަރީޒް މިނިސްޓްރީން އެދިފައި ވެއެވެ.

”ލޭނު މަސްވެރިކަން ކުރުމުގެ ގަވައިދު“ ގައިވާ ގޮތުގައި، ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ އުޅަނދެއްގައި ލޭނު މަސްވެރިކަން ކުރަންވާނީ ފިޝަރީޒް މިނިސްޓްރީން އެކަމަށް ދޫކުރާ ސައްހަ ލައިސެންސެއް އޮވެގެންނެވެ. އަދި ލައިސަންސް ދޫކުރާނީ ހަމައެކަނި ލޯބޮޑު ކަންނެއްޔާއި ރީނދޫއުރަހަ ކަންނެލީގެ އިތުރުން ހިބަރު ބޭނުމަށް ކަމަށް ގަވައިދުގައި ވެއެވެ.

އެ ގަވައިދުގައި ވާގޮތުންނަމަ ލޭނު މަސްވެރިކަން ކުރުމުގައި މިޔަރަށް އަމާޒުކޮށްގެން މަސްވެރިކަން ކުރުމަކީ މަނާކަމެކެވެ. އަދި ގަވާއިދުގެ ދަށުން ލައިސަންސް ލިބިފައިވާ އުޅަނދެއްގެ ލޭނުކޮޅުގެ މިޔަވާލީގެ ގޮތުގައި ވަޔަރު ނުވަތަ ނަރު ބޭނުންކޮށްގެން ނުވާނެއެވެ. އަދި މިފަދަ ތަކެތި އުޅަނދުގައި ބަހައްޓައިގެން ނުވާނެ ކަމަށާއި ލޭނު ބޮޔާ ސީދާ ގުޅޭގޮތަށް އެއްވެސް ބާވަތެއްގެ ބްރާންޗް ލައިނެއް ބޭނުންކޮށްގެން ނުވާނެ ކަމަށް ގަވައިދުގަ އިވެއެވެ.

ގަވައިދުގައި ބަޔާންކޮށްފައިވާގޮތުގައި، ލޭނު އަޅާއިރު ލޭނުކޮޅުގައި ޖެހޭ މިޔަރުގެ ތެރެއިން ލޭނު ނަގާއިރު މަރުނުވެ އޮންނަ މިޔަރު ވީހާވެސް އަވަހަށް ދޫކޮށްލަންޖެހެއެވެ. އަދި، މިޔަރު ދޫކޮށްލާއިރު އެއަށް ލިބޭ އަނިޔާ ކުޑަކުރުމަށްޓަކައި، ބުޅި ނައްޓާ އާލާތް އަދި ލޭނުކޮޅު ބުރިކުރާ އާލާތް ބޭނުންކޮށްގެން މިޔަރުގެ އަނގައާ ނުވަތަ ބުޅިއާ ވީހާވެސް ކައިރިން ނަނު ބުރިކޮށްލަންވާނެ ކަމަށް ބުނެފައި ވެއެވެ. މީގެއިތުރުން،  ލޭނު އަޅާއިރު ލޭނުކޮޅުގައި ޖެހޭ މިޔަރުގެ ތެރެއިން ލޭނު ނަގާއިރު މަރުވެފައިވާ މިޔަރު ބަނދަރަށް ގެނައުމަށްޓަކައި އުޅަނދުގައި ބެހެއްޓިދާނެ ކަމަށާއި، އެ ފަދަ މިޔަރު ބަނދަރަށް ގެންނައިރު ހުންނަންވާނީ މިޔަރުގެ އެއްވެސް އުރަހައެއް އޭގެ ހަށިގަނޑުން ކަނޑައި އުރަހަތައް ވަކިނުކޮށް ކަމަށެވެ.

ގަވައިދުގައި ބުނީ، ކޮންވެންޝަން އޮން އިންޓަރނޭޝަނަލް ޓްރޭޑް އޮފް އެންޑެންޖަރޑް ސްޕީޝީޒް އޮފް ވައިލްޑް ފައުނާ އެންޑް ފްލޯރާ (ސައިޓީސް) ގެ އެޕެންޑިކްސް 1 ގައި ހިމެނޭ ބާވަތްތަކުގެ އިތުރަށް ފީކަންފަތް މިޔަރާއި ކަނޑި މިޔަރު އެއްވެސް ހާލަތެއްގައި އުޅަނދަށް ނެގުމާއި އުޅަނދުގައި ބެހެއްޓުމާއި ޕްރޮސެސްކުރާ ތަނަކަށް ކިރުވުމަކީ މަނާކަމެއް ކަމަށެވެ.

މިލިޔުމާއި ގުޅޭ