މަސްވެރިން އަތުން މަސް ގަންނަ އަގު ވިހި ރުފިޔާއަށް ވުރެ ދަށް ނުކުރާނެ ކަމަށް ފިޝަރީޒް މިނިސްޓަރ އަހްމަދު ޝިޔާމް ވިދާޅު ވެއްޖެ އެވެ.
ރައްޔިތުންގެ މަސްޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ވިދާޅުވީ މަސްވެރިން އަތުން ވިހި ރުފިޔާ އަށް މަސްގަނެ ސަރުކާރުން އެ މަސް އެކްސްޕޯޓް ކުރަނީ ކިލޯއަކުން ހަ ރުފިޔާގެ ގެއްލުމުގައިކަމަށާއި، އެހެންނަމަވެސް މަސް ގަންނައަގު އެއަށްވުރެ ދަށް ކުރުމުގެ ވިސްނުމެއް ސަރުކާރުން ނުގެންގުޅޭކަމަށެވެ. އަދި މިހާރު ފަންސަވީސް ރުފިޔާއަށް ގަނެފައި ހުރި މަހަށް، ހަމަ އެ ރޭޓުން މަސްވެރިންނަށް ފައިސާ ދޫކުރައްވާނެކަމަށެވެ.
މިނިސްޓަރ ވިދާޅުވީ، މި ސަރުކާރުން މަހުގެ އަގު މުރާޖައާކުރުމަށްފަހު ހަފުތާއިން ހަފުތާއަށް ފައިސާ ދޭން ނިންމާފައިވާކަމަށާއި، މިދިޔަ ހަފުތާގައި މަސްވެރިންނަށް ދޭންޖެހޭ 26 މިލިއަން ރުފިޔާ މި ހަފުތާ ތެރޭގައި ދޭން ސަރުކާރުން ނިންމާފައިވާކަމަށެވެ. އަދި، ނުދެވި ހުރި ފައިސާގެ ތެރެއިން 100 މިލިއަން ރުފިޔާ މިމަހުގެ 26 ވަނަ ދުވަހުގެ ކުރިން ދައްކާނެކަމަށެވެ. މީގެ އިތުރުން، މަސްވެރިންނަށް ސަރުކާރުން ދޭން ހުރި ފައިސާގެ ބެކްލޮގުގައި މިހާރު ދޭންހުރި 280 މިލިއަން ރުފިޔާ 5 މަރޗްގެ ކުރިން ދައްކާ ޚަލާސް ކުރައްވާނެކަމަށް ވިދާޅުވި އެވެ.
މިނިސްޓަރ ވިދާޅުވީ ރައީސް ޑރ. މުއިއްޒުގެ ވިސްނުން ހުރީ، ސަރުކާރުން ސަވަރިން ގެރެންޓީއެއް ދީގެންވެސް މަސްވެރިންނަށް ދޭން ހުރި ފައިސާ ލޯނެއް ނަގައިގެންވެސް ނުވަތަ އެހެން ފެސިލިޓީއެއް ހޯދައިގެން ނަމަވެސް ޚަލާސްކުރާ ގޮތަށް ކަމަށެވެ. އެގޮތުން ފިނޭސް މިނިސްޓްރީއާއި ފިޝަރީޒް މިނިސްޓްރީއާއި، މިފްކޯއިން ގަދަ އަޅާ އެކަމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް މިނިސްޓަރ ވިދާޅުވި އެވެ.
މިނިސްޓަރ ވަނީ އިހުތިޖާޖުގައި ނުތިބެ މަސްވެރިން މަހަށް ފުރުމަށްވެސް އިލްތިމާސްކުރައްވާފަ އެވެ.