އަވަށްޓެރި އިންޑިއާ ސަރުކާރުން އަމާޒު ހިފާފައިވަނީ ކުރިޔަށް އޮތް ދެއަހަރުކެތެރޭގައި އެގައުމުގެ މަސްވެރިކަމުގެ އުފެއްދުންތަކުގެ އެކްސްޕޯޓް 12 ބިލިއަން ޑޮލަރަށް މައްޗަށް ޖެއްސުމަށެވެ.
މިގޮތަށް އަމާޒު ހިފާފައިވަނީ ވޭތުވެ ދިޔަ އަހަރުގައި މަސްވެރިކަމުގެ ބާވަތްތަކުގެ އެކްސްޕޯޓް ދަށްވުމާއި ގުޅިގެންނެވެ. މަސްވެރިކަމުގެ އެކްސްޕޯޓް މަތިކުރުމުގެ ގޮތުން އިންޑިއާ ސަރުކާރުން ވަނީ، މަސް ޕްރޮސެސްކުރުމުގެ ކެޕޭސިޓީ އިތުރުކޮށް ”ވެލިއު އެޑެޑް“ އުފެއްދުންތައް މަތިކުރުމުގެ މަސައްކަތް މިހާރު ފަށާފައެވެ.
އިންޑިއާގެ މެރިން ޕްރޮޑަކްޓް އެކްސްޕޯޓް ޑެވެލޮޕްމެންޓް އޮތޯރިޓީ(އެމްޕީއީޑީއޭ) އިން އާންމުކޮށްފައިވާ މަސްވެރިކަމުގެ ބާވަތްތަކުގެ އެކްސްޕޯޓްގެ ތަފާސް ހިސާބުތަކަށް ބަލާއިރު، 2022-2023 މާލީ އަހަރުގައި އެކްސްޕޯޓް ކުރެވިފައިވަނީ 8.09 ބިލިއަން އެމެރިކާ ޑޮަލަރުގެ އުފެއްދުމެވެ. އަދި 2023-2024 މާލީ އަހަރު އެކްސްޕޯޓްކުރެވިފައިވަނީ، 6.8 ބިލިއަން ޑޮލަރުގެ މަސްވެރިކަމުގެ އުފެއްދުމެވެ. އެހެންކަމުން މިއީ، ދެ އަހަރު އަޅާކިޔާއިރު %7.5 ގެ ދަށްވުމެކެވެ.
އިންޑިއާއިން 2023-2024 ގެ މާލީ އަހަރަށް ޓާގެޓްކުރީ 9.1 ބިލިއަން ޑޮަލަރުގެ މަހުގެ ބާވަތްތައް އެކްސްޕޯޓްކުރުމަށެވެ. މި އަމާޒަށް ވާސިލު ނުވެވުނީ އެމެރިކާއާއި ޔޫރަޕިން ޔޫނިއަންގެ ގައުމުތަކަށް އެކްސްޕޯޓް ކުރެވުނު އަދަދު ދަށްވުމުގެ ސަބަބުންނެވެ.
އިންޑިއާއަކީ ދުނިޔޭގެ މަސްވެރިކަމުގެ މާކެޓަށް ބަލާއިރު، 3 ވަނަޔަށް އެންމެ ގިނައިން މަސްވެރިކަމުގެ އުފެއްދުންތައް އުފައްދާ ގައުމެވެ. އެއީ، ދުނިޔޭގެ މާކެޓްގެ %8 އެވެ. އެކުއާކަލްޗަރ އުފެއްދުންތަކަށް ބަލާއިރު އިންޑިއާ އޮތީ ދެވަނަައިގައެވެ.
އިންޑިއާއިން އެންމެ ގިނަ އަދަދަކަށް ދުނިޔޭގެ ބާޒާރަށް އެކްސްޕޯޓްކުރަނީ ޑިނގާއެވެ. މިދިޔަ މާލީ އަހަރު އެކަނިވެސް އިންޑިއާއިން 5.41 ބިލިއަން ޑޮލަރުގެ ޑިނގާ އެކްސްޕޯޓްކޮށްފައި ވެއެވެ. މިއީ، މަސްވެރިކަމުގެ އެކްސްޕޯޓްގެ %67 އެވެ.
އިންޑިއާއިން އެންމެ ގިނައިން މަސްވެރިކަމުގެ އުފެއްދުންތައް އެކްސްޕޯޓްކުރަމުންދަނީ އެމެރިކާ، ޗައިނާ، އަދި އީޔޫ އާއި އިރުމަތީ އޭޝިޔާގެ ގައުމުތަކަށެވެ. އެންމެ ގިނައިން އެކްސްޕޯޓް ކުރަނީ އެމެރިކާއަށެވެ. މިދިޔަ މާލީ އަހަރު އެކަނިވެސް އެމެރިކާއަށް 2.33 ބިލިއަން ޑޮލަރުގެ މަސްވެރިކަމުގެ އުފެއްދުންތައް އެކްސްޕޯޓްކޮށްފައި ވެއެވެ.