މަސްވެރިންނަށް މިހާރު ނުދެވި ހުރި ފައިސާ އަންނަ މާޗުމަހުގެ ކުރިން ދައްކާ ޚަލާސް ކުރާނެކަމުގެ ޔަގީންކަން ފިޝަރީޒް މިނިސްޓަރ އަހްމަދު ޝިޔާމް ދެއްވައިފި އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަކުނުދޫ ދާއިރާގެ މެމްބަރު މުހައްމަދު ރާއީ ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރ ވިދާޅުވީ، ސަރުކާރުގެ ވައުދާއި އެއްގޮތަށް މަސްވެރިންނަށް ދޭން ހުރި ފައިސާ ދީ ނިންމާނެ ކަމަށާއި، އެކަމަށް ބޭނުންވާ ފައިސާ ހޯދުމުގެ މަސައްކަތް ފިނޭންސް މިނިސްޓްރީން ކުރަމުން އަންނަ ކަމަށެވެ. އަދި ދައުލަތުގައި މިވަގުތު ފައިސާ ނެތުމުން ޓެކްސްއަށް ވަންނަ ފައިސާއިން މަސްވެރިންނަށް ފައިސާ ދޭން ނިންމާފައިވާ ކަމަށް ވިދާޅުވި އެވެ.
މިއަދުގެ މަޖިލިސް ޖަލްސާގައި ބިލެތްދޫ ދާއިރާގެ މެންބަރު އަހްމަދު ހަލީމް މި ފައިސާ މާޗަށް ނުދެއްކިއްޖެނަމަ އިސްތިއުފާ ދެއްވާނަންތޯ މިނިސްޓަރާއި ސުވާލު ކުރެއްވުމުން ސީދާ އެ ސުވާލަކަށް ޖަވާބެއް ނުދެއްވަ އެވެ. ވިދާޅުވީ ސަރުކާރުން ދިން މުއްދަތުގައި ފައިސާ ދައްކާ ނިމޭނެކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.