”ދިވެހިރާއްޖޭގެ ތުތި ބޯވަދިލަމަހުގެ މަސްވެރިކަން މެނޭޖްކުރުމުގެ ޕްލޭން“ އަކީ، ދިވެހިރާއްޖޭގެ ތުތި ބޯވަދިލަމަހުގެ މަސްވެރިކަން ބެލެހެއްޓުމުގައި މަގުދައްކައިދޭ މައިގަނޑު އަސާސްއެވެ. މި ޕްލޭންގެ ދަށުން މެނޭޖުކުރާ ބާވަތަކީ ތިސަނޮތިއުޓިޑޭ އާއިލާއަށް ނިސްބަތްވާ ތިސަނޮތިއުޓިޑޭ ރޮމްބަސް ކަމުގައި އޭރުގެ ފިޝަރީޒް އެގްރިކަލްޗަރ މިނިސްތްރީން ބުނެފައި ވެއެވެ.
މި މެނޭޖްމަންޓް ޕްލޭނަކީ ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ޤާނޫނުގެ 18 ވަނަ މާއްދާގެ ދަށުން ހަދައިފައިވާ، އެޤާނޫނުގެ 17 ވަނަ މާއްދާގެ (ހ) ގެ 9 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ މަސްވެރިކަން ރާވައި، ހިންގައި، ބެލެހެއްޓުމުގެ ޕްލޭނެވެ. މި ޕްލޭން އެކުލަވާލާ ގެޒެޓްކޮށް، އެއަށް އަމަލުކުރަން ފަށާފައިވަނީ، 3 ޑިސެންބަރު 2020 ގައެވެ.
ޕްލޭންގެ މައިގަނޑު މަޤުޞަދު:
- ތުތި ބޯވަދިލަމަހުގެ މަސްވެރިކަން ރާވައި، ހިންގުމުގެ އިންތިޒާމެއް ޤާއިމުކޮށް، ޒިންމާދާރު ގޮތެއްގައި ތުތި ބޯވަދިލަމަހުގެ މަސްވެރިކަން ބަލަހައްޓައި، މި މަސްވެރިކަމުގެ ފައިދާ ދިގު މުއްދަތަކަށް ދިވެހި ރައްޔިތުންނަށް ލިއްބައިދިނުން؛
- ތުތި ބޯވަދިލަމަހުގެ މަސްވެރިކަމާއި ވިޔަފާރި ދެމެހެއްޓެނިވި ގޮތެއްގައި ކުރިއެރުވުމުގައި ޝާމިލްވާ ދައުލަތުގެ އިދާރާތަކާއި އެންމެހައި މަޞްލަޙަތުވެރިންނަށް މަގުދައްކައިދިނުން.
”ދިވެހިރާއްޖޭގެ ތުތި ބޯވަދިލަމަހުގެ މަސްވެރިކަން މެނޭޖްކުރުމުގެ ޕްލޭން“ ގެ ދަށުން، ތުތި ބޯވަދިލަމަހުގެ އާބާދީއަށް އަސަރުކޮށްފާނެ ހުރިހާ ހަރަކާތްތަކަށް ބަލައެވެ. އެގޮތުން، ތުތި ބޯވަ ދިލަމަސް ބޭނުމާއި ޕްރޮސެސްކުރުމާއި ރައްކާކުރުމާއި ގަނެވިއްކުމުގެ އިތުރުން އެތަކެތި އެކްސްޕޯޓުކުރުމުގެ ކަންތައްތައް ކުރާނެ ގޮތްވެސް ޕްލޭންގައި ހިމަނާފައި ވެއެވެ. އަދި،އެ ޕްލޭންގެ ދާއިރާތަކުގެ ތެރޭގައި ހިމެނޭ ހަރަކާތެއް ނުވަތަ އެފަދަ ހަރަކާތްތަކެއް ހިންގާ ފަރާތްތަކާއި އުޅަނދުފަހަރާއި ޕްރޮސެސް ކުރާ ތަންތަނާއި އެކްސްޕޯޓުކުރާ ތަންތައްތަނަށްވެސް އެ ޕްލޭން ހިނގާނެ އެވެ.
ތުތި ބޯވަދިލަމަހުގެ މަސްވެރިކަން މެނޭޖްކުރުމުގެ ޕްލޭންގައިވާ ގޮތުން ތުތި ބޯވަދިލަމަހުގެ މަސްވެރިކަންކުރުމަށް ލައިސަންސް ދޫކުރާނީ ގިނަވެގެން 30 އުޅަނދަކަށެވެ. ވަކި އަދަދަކަށް ލައިސަންސް ދޫކުރަނީ މި މަސްވެރިކަމަކީ ސައިންޓިފިކް ދިރާސާތަކުގެ އަލީގައި ހޯދައިފައިވާ ފުރިހަމަ މަޢުލޫމާތު ނެތް ހާލަތުގައި ޤުދުރަތީ ވަސީލަތްތައް ދެމެހެއްޓެނިވި ހަމަތަކުގެ ތެރެއިން ބެލެހެއްޓުމުގެ ބޭނުމުގައެވެ. މީގެއިތުރުން ފިޔަވަޅެއް ނާޅައި ދޫކޮށްލުމުގެ ސަބަބުން ލިބިދާނެ ގެއްލުމަކަށް ރިޢާޔަތްކޮށް، ތުތި ބޯވަދިލަމަހުގެ މަސްވެރިކަން މެނޭޖްކުރުމަށް ދުރާލާ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަކީވެސް މުހިއްމުކަމެއްގެ ގޮތުގައި ފާހަގަކޮށްފައި ވެއެވެ.