ސަރުކާރު މުވައްޒަފުންނަށް މުސާރަ ނުލިބުމުން އެމީހުންނަށް އެނގިގެންދާނެ މަސްވެރިންގެ އިހުސާސްތައް: އައްޑޫ ޒުވާން މަސްވެރިޔާ
ކެޔޮޅާގެ ދިޔެ |
20 ފެބްރުއަރީ 2024

ސަރުކާރު މުވައްޒަފުންނަށް ލިބެން އޮންނަ ދުވަހަށް މުސާރަ ނުލިބުމުން މަސްވެރިންގެ މިހާރުގެ އިހުސާސް އެނގިގެންދާނެކަމަށް އައްޑޫ ޒުވާން މަސްވެރިޔާ އަމަން އިބްރާހިމް ބުނެފި އެވެ.

އައްޑޫ ސިޓީ ހުޅުދޫގައި އިހުތިޖާޖު ކުރަމުންދާ މަސްވެރިންގެ ތެރޭގައި ހިމެނޭ އުމުރުން ބާވީސް އަހަރުގެ އަމަން އިބްރާހިމް އަކީ މިވަގުތު އިހުތިޖާޖުގައި ބައިވެރިވާ އެންމެ ޒުވާން މަސްވެރިޔާ އެވެ. ސ. ހިތަދޫ، ބަދީޔާގެ އަމަން މަސްވެރިކަމަށް ނިކުތްތާ މިހާރު ހަތަރު އަހަރު ވެއްޖެއެެވެ. އޭނާ މަހަށް ދަނީ ”ރޯދި“ ދޯނިންނެވެ.

އައްޑޫ ހުޅުދޫ މަސް ފެކްޓްރީ ދޮށުގައި އިއްޔެއްސުރެ އައްޑޫ މަސްވެރިން އިހުތިޖާޖު ކުރަމުން އަންނައިރު، ދުވަސްވީ މަސްވެރިންނާއި ކެޔޮޅުންނަށް އަމަންވެސް ދުލެއް ނުކުރެއެވެ. އޭނާވެސް ގެންދަނީ މަސްވެރިންނަށް މިހާރު ދިމާވެފައިވާ ކަންކަމުގައި އަޑު އުފުލަމުންނެވެ. މިއަދު ހަވީރުގެ އިހުތިޖާޖުގެ ތެރެއިން އެމަންޒަރު ފެނުނެވެ. ދުވަސްވީ ކެޔޮޅުންނާއި އެއްވަރަކަށް އޭނާވެސް އަޑު އުފުލިއެވެ. ޒުވާން ޖޯޝުގައި އޭނާ ތަހައްމަލު ކުރަމުންދާ ކަންކަން ކިޔައިދެމުން ދިޔައެވެ.

އިހުތިޖާޖުގައި މިއަދު ވާހަކަ ދައްކަމުން އޭނަ ބުނީ ފައިސާ ނުލިބޭތީ ކަރަންޓް ބިލުވެސް ނުދެއްކޭކަމަށެވެ. އަދި ބިލު ނުދައްކާއިރަށް އައިސް ފެނަކައިން ކަރަންޓް ކަނޑާލާ ކަމަށެވެ.

ސަރުކާރުން ބަރާބަރަށް މުސާރަދެމުން އަންނަ ސިވިލް ސަރވިސް މުވައްޒަފުންނަށް އިޝާރާތްކޮށް އޭނާ ބުނީ އެމީހުންނަށް އެއްމަސް ދުވަސް ވަންދެން މުސާރަ ނުލިބުނީމައި މިވާގޮތް އިނގޭނެކަމަށެވެ. އަދި މަސްވެރިންގެ އިހުސާސްތައް އޭރަށް އެގިގެން ދާނެކަމަށެވެ.

”ފެނަކައިން ނުބަލާ (އަހަރުމެންނަށް) ފައިސާ ލިބޭތޯ. މަސް ނިމޭއިރަށް އައިސް ކަރަންޓް ކަނޑާލާ. ސަރުކާރު މުވައްޒަފުންނަށް ލާރި ނުދީ ބައިތިއްބަ ބަލަ. އެއްދުވަސް، އެއްމަސްވަންދެން ލާރި ނުދީ ބައިތިއްބަ ބަލަ ވާގޮތް ބަލަން. ކިހިއްނެއް ވާނީ؟ އަހަރުމެންގެ ހާލު ނޭނގޭތަ؟“ އޭނާ ބުންޏެވެ.

 

ކެޔޮޅާއާ ވާހަކަ ދެއްކި އައްޑޫ މަސްވެރިން ބުނަނީ ސަރުކާރުން އެކި ދުވަސްތަކުގައި ބަހާލައިގެން މަސްވެރިންނަށް ފައިސާ ދޭނެކަމަށް ބުނާ އަޑު ޚަބަރުތަކުން އިވޭ ކަމަށެވެ. އެހެންނަމަވެސް އެމީހުން ބޭނުންވަނީ ވީހާ އަވަހަަކަށް ނުވަތަ ވަގުތުން ވަގުތަށް ފައިސޭ ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ކަމަށެވެ. މަސް ގަތުމަށް ފަހު މިފްކޯއިން ބިލު ނުދައްކާތާ ތިންމަސް ވެއްޖެ ކަމަށާއި، ދެން އިތުރަށް ސަރުކާރަށް ވަގުތު ދެވޭ ވަރަށް ވުރެ އެމީހުންނާއި އާއިލާތަކުގެ ހާލަތު ގޯސްވެެފައިވަ ކަމަށް އެމީހުން ބުންޏެވެ.

މިއަދުގެ އިހުތިޖާޖުގައި އައްޑޫ ގެ އެކި ރަށްތަކަށް ނިސްބަތްވާ މަސްއޮޑިތަކުގެ މަސްވެރިން ބައިވެރިވި އެވެ. އަދި މިހާރު މަހަށް ނިކުމެ ތިބި އަދި ރާއްޖޭގެ އެހެން ކަންކޮޅުތަކުގައި ތިބި އައްޑޫ މަސްވެރިންވެސް އިހުތިޖާޖުގައި ބައިވެރިވުމަށް ހުޅުދޫއަށް މިސްރާބު ޖަހާފައިވާކަމަށް ކެޔޮޅާއަށް މަސްވެރިއަކު މައުލޫމާތު ދިނެވެ. އިހުތިޖާޖު ކުރިޔަށްގެންދަނީ ވަރަށް ސުލްހަވެރިކަމާ އެކުގައި ކަމަށާއި، އެމީހުން މިފްކޯއަށް ކިރުވި މަހުގެ ފައިސާ ނުލިބެނީސް އިހުތިޖާޖު ހުއްޓާނުލާނެކަމަށް އިހުތިޖާޖުގެ ބައިވެރިން ބުނެއެވެ.

ގުޅުންހުރި ލިޔުންތައް
error: Content is protected !!