މިއަހަރުގެ ފުރަތަމަ ތިންމަސްދުވަހު ރާއްޖެއިން ބޭރަށް މަސް އެކްސްޕޯޓްކުރި މިންވަރު މިދިޔަ އަހަރުގެ ފުރަތަމަ ތިންމަހާ އަޅާ ކިޔާއިރު %48 ދަށްވެފައިވާކަން މަރުކަޒީ ބޭންކުގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ(އެމްއެމްއޭ) އިން އާންމުކުރި ތަފާސްހިސާބުތައް ދައްކާގޮތުންނަމަ، މި އަހަރުގެ ފުރަތަމަ ތިންމަސްދުވަހު އެކްސްޕޯޓްކޮށްފައިވަނީ 14،389 މެޓްރިކް ޓަނުގެ މަހެވެ. އަދި މިދިޔަ އަހަރުގެ މި މުއްދަތުގައި އެކްސްޕޯޓްކޮށްފައިވަނީ 27،698 މެޓްރިކް ޓަނުގެ މަހެވެ. އެހެންކަމުން ދެއަހަރުގެ އެކްސްޕޯޓްކުރި މިންވަރު އަޅާކިޔާއިރު މިއަހަރުގެ ފުރަތަމަ ތިންމަސްދުވަހު މަސް އެކްސްޕޯޓްކުރި މިންވަރު މިވަނީ %48 ދަށްވެފަ އެވެ.
މިއަހަރު މަސް އެކްސްޕޯޓްކޮށްފައިވާ އަދަދުތަކަށް ބަލާއިރު، ޖެނުއަރީ މަހު 4،482.9 މެޓްރިކްޓަނުގެ މަސް، ފެބްރުއަރީމަހު 6،119.4 މެޓްރިކްޓަނުގެ މަސް އަދި މާޗްމަހު 3،787.2 މެޓްރިކް ޓަނުގެ މަސް އެކްސްޕޯޓްކޮށްފައި ވެއެވެ.
މަސް އެކްސްޕޯޓްކޮށްފައިވާ ގޮތަށް ބަލާއިރު، އެންމެ ގިނައިން އެކްސްޕޯޓްކޮށްފައިވަނީ ގަނޑުކޮށްގެން ނުވަތަ އައިސްކޮށްފައިވާ ރޯމަހެވެ. އެގޮތުން އައިސްކުރި 12،041.4 މެޓްރިކްޓަނުގެ މަސް އެކްސްޕޯޓްކޮށްފައި ވެއެވެ. އޭގެތެރޭގައި 9،070.1 މެޓްރިކް ޓަނުގެ ރޯ ކަޅުބިލަ މަސް، 2،954.4 މެޓްރިކް ޓަނުގެ ރޯ ރީނދޫ އުރަހަ ކަންނެލި ހިމެނެއެވެ. އަދި 16.9 މެޓްރިކްޓަނުގެ އެހެން ބާވަތްތަކުގެ މަސްވެސް ގަނޑުކޮށްގެން އެކްސްޕޯޓްކޮށްފައި ވެއެވެ.
މީގެ އިތުރުން ގަނޑުކޮށްފައިވާ މަސްބުރީގެ ގޮތުގައި 158.6 މެޓްރިކްޓަނުގެ ރޯމަހާއި، 1،940.3 މެޓްރިކްޓަނުގެ މަސްދަޅު އަދި 285.3 މެޓްރިކްޓަނުގެ މަސް ޕްރޮސެސްކޮށްގެން އެކްސްޕޯޓްކޮށްފައި ވެއެވެ.