ޗައިނާ މާކެޓުގައި ރާއްޖޭގެ މަސްވިއްކޭނެ ދުވަހެއްގެ އިންތިޒާރުގައި!
ކެޔޮޅާ |
04 މެއި 2024

ޗައިނާގެ މާކެޓްގައި ދިވެހި މަސް ވިއްކޭނެ ދުވަހެއްގެ އިންތިޒާރުގައި ޗައިނާއިން ތިބިކަން އިއްޔެ އެގައުމުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވޮންގް ލިޒިންގެ އެކްސްގައި ހިއްސާކުރެއްވި މެސެޖުން ހާމަވެއެވެ. މިއީ، ގައިމުވެސް އެގައުމުން މިކަމަށް ހުރި ޝައުގުވެރިކަން ދައްކުވައިދޭ ހެއްކަކަކަށް ފުދެއެވެ.

އިއްޔެ ބައިނަލްއަގުވާމީ ފެންވަރެއްގައި ފާހަނގަކުރި ކަނޑުމަހުގެ ދުވަހުގެ މުނާސަބަތުގައި ފިޝަރީޒް މިނިސްޓްރީން އެކްސްގައި ކުރި ޕޯސްޓެއް  ޝެއާ ކުރައްވާ ސަފީރު ލިޔުއްވި މެސެޖެއްގައި ވިދާޅުވެފައިވަނީ، ރާއްޖެއާއި ޗައިނާއާ ދެމެދު ސޮއިކޮށްފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުން(އެފްޓީއޭ) އަވަސް ފުރުސަތެއްގައި ތަސްދީގުކުރެވި، ޗައިނާގެ މާކެޓަށް ދިވެހި މަސް ފަސޭހައިން ވެއްދޭނެކަމުގެ ފޮނި އުންމީދު ކުރެއްވޭކަމަށެވެ.

ސަފީރުގެ މި މެސެޖް ޝެއާކުރައްވައި ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް ވިދާޅުވެފައިވަނީ، 20 ވަނަ ރައްޔިތުންގެ މަޖިލިސް ފެށޭނެ ދުވަހެއްގެ އިންތިޒާރުގައި ހުންނެވި ކަމަށެވެ. ލަފާ ކުރެވޭގޮތުގައި މިނިސްޓަރު އެވިދާޅުވީ އެފްޓީއޭ ތަންފީޒުކުރުމުގައި މަޖިލީހުގެ ދައުރެއް އޮތްކަމެވެ. އަދި ސަރުކާރުގެ މެޖޯރިޓީ އޮތުމުން އެ ބޭނުންވާކަމެއް މަޖިލީހުން ކުރެވި ޗައިނާއަށް މަސް ބޭރުކުރެވޭނެގޮތް ފަހިވުމުގެ ފޮނި އުންމީދުގައި ހުންނެވިކަމެވެ.

ކުރީގެ ރައީސް ޔާމީނުގެ ސަރުކާރުގައި އެމަނިކުފާނު ޗައިނާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގެ ތެރެއިން 2017 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 8 ވަނަ ދުވަހު ދެގައުމުގެ ދެމެދުގައި  މިނިވަން ވިޔަފާރީގެ އެއްބަސްވުމުގައި ސޮއިކުރެއްވި އެވެ. އެއެބަސްވުމުގައި ސޮއި ކުރެއްވީ ޔާމީނުގެ ސަރުކާރުގައިވެސް އިކޮނޮމިކް މިނިސްޓަރުކަމުގައި ހުންނެވި އަދި މިހާރުގެ ސަރުކާރުގެވެސް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދެވެ. މިއެއްބަސްވުމަށް އަމަލުކުރަން އޭރުގެ ޕީޕީއެމްގެ މެޖޯރިޓީ އޮތް މަޖިލީހުން ރުހުންދިނީ އިދިކޮޅު އެމްޑީޕީން އެކަމާއި ދެކޮޅު ހަދަމުން ދަނިކޮށްނެވެ. އެހެންކަމުން ވެރިކަމަށް އައިސް ލިބުނު ފުރުސަތުގައި، އެމްޑިޕީ ސަރުކާރުން އެ އެއްބަސްވުން ތަންފީޒުކުރުން ހުއްޓުވި އެވެ.

ކުރިޔަށް އޮތް 20 ވަނަ ރައްޔިތުންގެ މަޖިލީހަކީ، މިހާރުގެ ސަރުކާރުގެ ސުޕަރ މެޖޯރިޓީ މަޖިލީހެކެވެ. އެހެންކަމުން މި އެއްބަސްވުމަށް އަމަލުކުރުމަށް މަޖިލީހުގެ ރުހުންލިބޭނެކަމުގެ ގެރެންޓީ މިހާރު އެބައޮތެވެ. އަދި މި ސަރުކާރުން އެތަންފީޒްކުރާނެކަންވެސް ޔަގީނެވެ. އެއީ ރައީސް ޑރ.މުހައްމަދު މުއިއްޒު ޗައިނާއަށް ކުރެއްވި ދަތުރުފުޅުގައި އެ އެގްރީމެންޓްގެ ތަންފީޒްކުރައްވާނެކަމުގެ ޔަގީންކަން ދެއްވާވާފައި ވާތީއެވެ. އަދި އެ އެގްރީމެންޓުގެ ދަށުން ޗައިނާއަށް މަސް ބޭރު ކުރުމަށް އިސްކަންދެއްވާނެ ކަމަށް ރައީސް ވިދާޅުވެފައި ވާތީއެވެ.

ރާއްޖެވެސް އަދި ޗައިނާވެސް މިހާރު އޮތީ މި އެގްރީޓްްމެންޓް ތަންފީޒު ކުރެވޭނެ ދުވަހެއްގެ އިންތިޒާރުގަ އެވެ.

ގުޅުންހުރި ލިޔުންތައް
error: Content is protected !!