ފަރުމަހުގެ މަސްވެރިކަންކުރާ ފަރާތްތަކަށް ދޫކުރަން ހަމަޖެހިފައިވާ ލޯނަށް އެދި ހުށަހެޅުމުގެ ފުރުސަތު މާދަމާއަށް ހަމަވާނެކަމަށް، އެސްއެމްއީ ޑެވެލޮޕްމެންޓް އެންޑް ފައިނޭންސިންގ ކޯޕަރޭޝަން(އެސްޑީއެފްސީ) އިން ބުނެފި އެވެ.
ކަނޑުފަޅުގެ ނަފާ‘ ލޯނު ސްކީމްގެ ދަށުން ފަރުމަހުގެ މަސްވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް ދޫކުރެވޭ މި ލޯނަކީ އެސްޑީއެފްސީ އާއި މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވުޒާރާ އާއި ގުޅިގެން ފަރުމަހުގެ މަސްވެރިކަން ކުރި އެރުވުމަށް އެކުލަވާލެވުނު ލޯނެކެވެ. ދެމެހެއްޓެނިވި ތަރައްގީ މަސްވެރިކަމުގެ ދާއިރާއަށް ގެނެއުމަށް އެހީތެރިވުމުގެ މަގުސަދުގައި ފަރުމަހުގެ މަސްވެރިކަންކުރާ ފަރާތްތަކަށް ޚާއްސަ ލޯން ސްކީމް ތައާރަފުކޮށް އިފުތިތާހުކޮށްފައިވަނީ މިދިޔަ ފެބްރުއަރީ މަހުގެ 16 ވަނަ ދުވަހު ށ. ކޮމަންޑޫގައި އެކަމަށް ޚާއްސަކޮށް ބޭއްވި ރަސްމިއްޔާތުގަ އެވެ.
ފަރުމަހުގެ މަސްވެރިކަން ފެއްޓުމާއި ކުރިއެރުވުމަށް އަދި ކުދި އައިސްޕްލާންޓް ބެހެއްޓުމަށް ލޯނު ދޫކުރާ މި ސްކީމްގެ ދަށުން ލޯނަށް ހެށަހެޅުމުގެ ފުރުޞަތު ހުޅުވާލީވެސް ފެބްރުއަރީ މަހުގެ ތެރޭގައެވެ. ލޯނަށް އެދުމުގެ ފުރުސަތު މާދަމާއަށް ހަމަވާނެއެވެ.
ލޯނުގެ ގޮތުގައި އެންމެ ގިނަވެގެން ދޫކުރުމަށް ނިންމާފައިވަނީ 700،000 ރުފިޔާ އެވެ. ސްކީމްގެ ދަށުން ލޯނު ނަގާ ކަންކަމަށް 700،000 ރުފިޔާއަށްވުރެ އިތުރުވާނަމަ އެޚަރަދު ކުރަންޖެހޭނީ ލޯނަށް އެދޭ ފަރާތުން ކަމަށް ވެސް އެސްޑީއެފްސީން ބުނެއެވެ. މީގެ އިތުރުން، ގްރޭސް މުއްދަތުގެ ގޮތުގައި ގިނަވެގެން ހަމަސް ދުވަސް ދޭނެކަމަށާއި، ލޯނު އަނބުރާ ދެއްކުމަށް، ގިނަވެގެން 10 އަހަރުގެ މުއްދަތެއް ދޭނެކަމަށް އެސްޑީއެފްސީން ބުނެއެވެ. ލޯނުގެ އިންޓަރެސްޓްގެ ގޮތުގައި ނަގަން ކަނޑައަޅާފައި ވަނީ %5 އެވެ.
މި ލޯނަކީި، ފަރުމަހުގެ މަސްވެރިކަން ކުރާ އުޅަނދު އަލަށް ބަނުމަށް ނުވަތަ ގަތުމަށާއި، ފަރުމަހުގެ މަސްވެރިކަން ކުރާ އުޅަނދު މަރާމާތުކުރުމާއި އިތުރު ބަދަލުގެނައުމަށާއި، ފަރުމަހުގެ މަސްވެރިކަން ކުރާ އުޅަނދުގައި އިންޖީނު އެޅުމަށާއި، ފަރުމަހުގެ މަސްވެރިކަމަށް ބޭނުންވާ ވަސީލަތްތައް ގަތުމަށް ދޫކުރާ ލޯނެކެވެ. އޭގެތެރެއިން ލޯނު ފައިސާއިން ގަނެވޭނީ، ފަރުމަހުގެ މަސްވެރިކަން ކުރާ އުޅަނދުގައި ހަރުކުރާ މަސްވެރިކަމުގެ އާލާތްތަކާއި ވަސީލަތްތައް ގަތުމަށާއި، މަސް ބަންދުކުރާ މެޝިނަރީއާއި އާލާތްތައް ގަތުމަށާއި، މަސް ރައްކާކުރާ ވަސީލަތްތަކާއި އާލާތްތައް ގަތުމަށް ކަމަށް އެސްޑީއެފްސީން ބުނެފައި ވެއެވެ.